15 May 2022, 14:42
ބަޣްދާދު (15 މޭ 2022): ސްރީލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަކީ ކަމުދާ ބޭފުޅެއް ނޫންކަމަށް ބުނެ އެގައުމުގެ ރައްޔިތުން އޭނާއާދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ.
ރައްޔިތުން ރަނިލްއާދެކޮޅަށް އަޑުއުފުލާފައިވަނީ ކޮލަންބޯއާއި އެނޫންވެސް ތަންތަނުގައި ކުރަމުންގެންދާ މުޒާހަރަތަކުގައެވެ. ރަނިލްއާ ދެކޮޅަށް އަޑުއުފުލި ފަރާތްތައް ބުނާގޮތުން ރަނިލްއަކީ ހިންގުންތެރިކަން ނެތް ކޮރަޕްޓް ބޭފުޅެއް ކަަމަށާ އޭނާއަކީ ސްރީލަންކާ މިހާރު ވެއްޓިފައިވާ ހާލަތުން ގައުމު ސަލާމަތް ކުރުމުގެ ގާބިލްކަން ހުރިބޭފުޅެއް ނޫނެވެ.
ރަނިލް މިހާރުވަނީ ރައީސް ގޮތަބަޔަގެ އެދިވަޑައިގަތުމުގެ މަތިން ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށްފަހު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައެވެ. އޭނާގެ ސަރުކާރުގައި މިހާތަނަށް ކުރީ ސަރުކާރުގެ ހަތަރު ވަޒީރަކު ހިމަނާފައިވެއެވެ. މީގެތެރޭގައި ކުރީގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ވަޒީރު ދިނޭޝް ގުނަވަރުދަނާ، ޚާރިޖީ ވަޒީރު ޖީ.އެލް ޕެއިރިސް، ހަކަތައާބެހޭ ވަޒީރު ކަންޗަނާ ވިޖެސެކަރާ، އާބަން ޑިވެލޮޕްމަންޓާއި ހައުސިންއާބެހޭ ވަޒީރު ޕްރަސާނާ ރަނަތުންގާ ހިމެނިވަޑައިގަންނަވައެވެ.
ރަނިލްވަނީ އޭނާގެ ސަރުކާރުގައި ބައިވެރިވުމުގެ ދައުވަތު އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސައަށް ވެސް ދެއްވާފައެވެ. މިކަމާބެހޭގޮތުން ޕްރެމަދާސާއަށް ފޮނުއްވި ސިޓީގައި ރަނިލްވަނީ ސިޔާސީ ވާދަވެރިކަން އެއްފަރާތް ކުރެއްވުމަށްފަހު ގައުމީ މަސްލަހަތު އިސްކުރުމަށް ޕްރެމަދާސާގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމަށް ވިދާޅުވެ އެކަމުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތުދެއްވާކަމަށްވެސް އެސިޓީގައި ރަނިލް ވިދާޅުވެފައިވެއެވެ.
މިއާއެކުވެސް ރަނިލްގެ ސަރުކާރުގައި ސަޖިތު ބައިވެރިވާނެ ކަމަކަށް ނުބެލެވެއެވެ. ސަޖިތުގެ އެދުމަކީ ރައީސް ގޮތަބަޔަ އިސްތިއުފާ ދެއްވުމެވެ. ނަމަވެސް އިދިކޮޅު ބައެއް ކުދި ޕާޓީތަކުންވަނީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް ރަނިލްއާއެކު ބައިވެރިވެދާނެކަމުގެ އިޝާރާތެއް ދީފައެވެ.
ސްރިލަންކާގެ ބޮޑުވަޒީރަކަށް މަގާމުގައި ދެމިހުންނެވޭނީ ޕާލަމެންޓްގެ އަޣްލަބިއްޔަތުން އިތުބާރު ލިބިގެންނެވެ. ރަނިލްގެ ޕާޓީކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ސްރީލަންކާގެ ޕާލަމެންޓްގައި ތަމްސީލުކުރައްވާ ހަމައެކަނި މެންބަރަކީ ރަނިލްއެވެ.
ސިޔާސީގޮތުން މިހާ ނިކަމެތި ހާލުގައި ހުންނެވި ރަނިލް ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯއްދަވާގޮތަކަށް އޮތީ ރައީސް ގޮތަބަޔަގެ ޕާޓީކަމަށްވާ ސްރީލަންކާ ޕޮޑުޖާނާ ޕެރަމޫނާ (އެސްއެލްޕީޕީ)ގެ އެހީގައެވެ. ރިޕޯޓްތައް ބުނާގޮތުން ސްރީލަންކާގެ ޕާލަމެންޓްގެ ގިނަ މެންބަރުން އަދިވެސް ތިއްބެވީ އެސްއެލްޕީޕީ ގައެވެ.
އިދިކޮޅުގެ ތާއީދު ނެތްނަމަވެސް އަމިއްލަ މެންބަރުންގެ ތާއީދު ލިބިއްޖެނަމަ އެސްއެލްޕީޕީއަށް ރަނިލްގެ ސަރުކާރަށް އަޣްލަބިއްޔަތު ހޯދިދާނެކަމަށްވަނީ ބެލެވިފައެވެ.
ރަނިލްއަކީ ހަތަރު ފަހަރެއްގެމަތިން ސްރީލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ބޮޑުވަޒީރުކަމުގެ އެއްވެސް ދަައުރެއް އޭނާއަށް ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
ރަނިލް އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 1993 އަހަރުން 1994 ވަނަ އަހަރަށެވެ. އަދި އެންމެފަހުން އެ މަގާމުގައި ހުންނެވީ މައިތިރިޕަލަ ސިރިސޭނާގެ ރައީސްކަމުގައި 2018 އަހަރުން 2019 ވަނަ އަހަރަށެވެ. ސިރިސޭނާގެ ވެރިކަމުގެ ކުރީކޮޅުގައިވެސް ބޮޑުވަޒީރުކަމުގައި ހުންނެވީ ރަނިލްއެވެ.
ރަނިލްއަކީ އެމެރިކާއާއި ޔޫރަޕަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އޭނާ ބޮޑުވަޒީރު ކަމަށް ގެނައުމުގައި ރައީސް ގޮތަބަޔަގެ ބޭނުމަކީ ސްރީލަންކާގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި އައިއެމްއެފް އިން ނެގުމަށް މަސައްކަތްކުރާ 3.5 ބިލިޔަން ޑޮލަރުގެ ލޯން ހޯދުމަށް ޓަކައި އެމެރިކާއާއި ޔޫރަޕްގެ ތާއީދު ހޯއްދެވުންކަމަށްވަނީ ބެލެވިފައެވެ. އައިއެމްއެފްއަކީ އެމެރިކާގެ ކޮންޓްރޯލް ދަށުގައިވާ ތަނެކެވެ.
ރަނިލްއަކީ އެއްއިރެއްގައިވެސް ސްރީލަންކާގެ އާންމުންގެ ތާއީދު އޮތް ބޭފުޅެއްނޫނެވެ. އޭނާވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން ދެފަހަރެއްގެ މަތިން ނާކާމިޔާބުވެވަޑައިގެންފައެވެ. ބޮޑުވަޒީރާ ޚިލާފަށް ސްރީލަންކާގެ ރައީސް ކަމަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މަގާމެކެވެ.