21 Mar 2012, 14:36
ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު މާލޭން ފުރައިގެން ގަމަށްދިޔަ ފުލައިޓުން މަސްތުވާތަކެތި އައްޑުއަށް ގެންދާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މާލޭ އިންޓެލިޖެންސާ އައްޑޫ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ދެމީހުންނަކީ ލ. އިސްދޫ ކަނީރުމާގެ، އަހުމަދު ހަނީފް 23، އާއި ސ. ހިތަދޫ އަލީބުހައިރިގޭ، އަހުމަދު ސުޖާއު 21، ކަމަށެވެ. އޭގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވަނީ ހަނީފުގެ އަތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެއްޗާއި ވައްކަމާ ފޭރުމުގެ ކުށުގެ ރެކޯޑް އޮންނަ ހަނީފްގެ އަތުން ބުލެޓް ސައިޒްގެ 10 ޕެކެޓާއި ރަބަރު 10 ޕެކެޓަށް އަޅާފައި ހުރި މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އަދި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ދިޔާ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ތިން ދަޅެއް ވެސް ހަނީފްގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.