21 Mar 2012, 14:29
ޖުޑީޝަރީގައި ހިމެނޭ އޮފީސްތަކުގެ ރަސްމީ ގަޑި ވެސް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.
ޖުޑީޝަރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް (ލަތީ) މިއަދު ވިދާޅުވީ ޖުޑީޝަރީގައި ހިމެނޭ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި އަކީވެސް ހެނދުނު އަށަކުން ފެށިގެން މެންދުރު ފަހު ތިނަކާއި ހަމަޔަށް ކަމަށެވެ.
"ޖުޑީޝަރީގައި ހިމެނޭ އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ވެސް ހެނދުނު އަށަކުން ފެށިގެން މެންދުރު ފަހު ތިނަކާއި ހަމަޔަށް،" ލަތީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުޑީޝަރީގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެނައުމަށް ނިންމީ ސިވިލްސާވިސްގެ އޮފީސްތަކުގެ މަސައްކަތު ގަޑިއަށް ވެސް ބަދަލުގެނައުމުން ކަމަށެވެ.
ސިވިލްސާވިސް ކޮމިޝަނުން މިއަދު ވަނީ ސާކިއުލާއެއް ނެރެ ސިވިލްސާވިސްގެ އޮފީސްތަކުގެ ރަސްމީގަޑި އަކީ ހެނދުނު އަށަކުން ފެށިގެން މެންދުރު ފަހު ތިނަކާ ހަމައަށް ކަމަށް އަންގާފަ އެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައުމަށް ނިންމީ އިއްޔެ އޮތް ކެބިނެޓް ޖަލްސާގަ އެވެ.
ރައީސް މައުމޫނުގެ ސަރުކާރުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 7:30 އިން ހަވީރު 2:30 އެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަސްމީ މަސައްކަތު ގަޑި ބަދަލުކުރެއްވީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމަޔަށެވެ.