Last Updated: 4 year 6 month ago

ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު ހޮވުމުގެ އިންތިޚާބުގެ ފެށިގެން ކުރިއަށް އެބަދެއެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
މަހަކަށްވުރެ ގިނަ ދުވަހުގެ ފޯރިގަދަ ކެމްޕޭން ދެ ބޭފުޅުން ވެސް ނިންމަވާލެއްވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމަށްފަހުއެވެ.
ވިއްސާރަވުމާއި، ބައެއް ފޮށިތަކުގެ ވޯޓުލުން ފަހުން ފެށުމުގެ ސަބަބުން ވޯޓުލުމުގެ ވަގުތު 18:00އާ ހަމައަށް އިތުރުކޮށްފި
މާލެއަށް ހުއްޓުމެއްނެތި ވާރޭ ވެހެމުން ދިޔަ ނަމަވެސް ވޯޓުލާން އަންނަ މީހުންގެ އަދަދު މާބޮޑަށް ދަށްވި ކަމެއް ފާހަގައެއް ނުވޭ. ހުރިހާ މަރުކަޒުތަކެއްގައި ވެސް ހުއްޓުމެއް ނެތި ވޯޓުލުން ދަނީ ކުރިއަށް.
އިންތިޚާބާ ގުޅޭ ޝަކުވާތަކެއް ވަނީ ހުށަހެޅިފައި. އެ މައްސަލަތައް ބެލުމުގެ މަސައްކަތް ޝަކުވާތަކާ ބެހޭ ކޮމިޓީން މިހާރު ދަނީ ކުރަމުން
އިންތިގެ ފެކްޝަނުގެ ފަރާތުން އިންތިޚާބާގުޅޭ ގިނަ ޝަކުވާތަކެއް. އޭގެ ތެރޭގައި، އެންގުމަކާ ނުލައި ވޯޓުލާ މަރުކަޒު ބަދަލުވުން، ވޯޓުލާފައި ވޯޓު ކަރުދާސް ދެއްކުން އަދި ފާހަގަ ޖަހައިފައިވާ ކަރުދާސް ވޯޓުލާން ދާ މީހުންނަށް ދިނުން ފަދަ މައްސަލަތައް ހިމެނޭ
ޗެއާޕާސަންކަމަށް ވާދަ ކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވޯޓުލައްވައިފި. އޭނާ ވޯޓުލެއްވީ ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ފޮއްޓަށް

ގިނަ މަރުކަޒުގައި ވޯޓުލާން ފެށުނީ 09:00ގެ ފަހުން. ވޯޓުލުން ލަސްވުމަށް މެދުވެރިވީ އިދާރީ މައްސަލަތަކެއް ކަމަށް އޮފިޝަލުން ބުނޭ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ވޯޓު ލައްވައިފި. އީވާ ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް
އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓުލެއްވީ ދަރުމަވަންތަ ސްކޫލްގައި ބެހެއްޓި ހިންނަވަރު އެމްޑީޕީ މެމްބަރުން ވޯޓުލާ ފޮއްޓަށް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އިންތިޚާބުތައް މެދުވެރިކޮށް، ދެން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ޕާޓީގެ ކުރިމަގު ވެސް އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކުރިމަގު ވެސް ރާވަމުން ގެންދިޔުން
މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ގިނަ ބަޔަކު ކިޔުގައި ތިބި ކަމަށް ފާހަގަކުރެވޭ. މާލޭގެ ހުރިހާ މަރުކަޒުތަކެއްގައި 9:30 ގައި ވޯޓުލުން ވަނީ ފެށިފައި.
ވޯޓު ކަރުދާސް ފޮޓޯ ނެގުމަކީ މަނާކަމެއް ކަމަށް އެމްޑީޕީން ވަނީ އަންގާފައި. އެ ޕާޓީން ބުނީ ވޯޓު ކަރުދާސް ފޮޓޯ ނަގާތޯ ޚާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަމަށް

ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވޯޓު ލައްވައިފި. އޭނާ ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓި ފޮއްޓަށް
ވޯޓުލުން މިވަގުތު ކުރިއަށް ދަނީ ވަރަށް އޮމާންކަމާއެކު. އެއްވެސް ސަރަހައްދެއްގައި މިހާތަނަށް ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ


