ފުލުހަކު ދިރިއުޅޭ ގެއަކަށް ވަދެ ފުލުސް މީހާއަށް ތޫނު އެއްޗަކުން ހަމަލަ ދޭން މަސައްކަތް ކުރި ތިން މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުސް މީހާ ދިރިއުޅޭ މއ. ރަތްމުތްގެއަށް މިއަދު ބަޔަކު ވަދެ ހަމަލަދޭން މަސައްކަތް ކޮށްފައިވަނީ މެންދުރު 12:20 ހާއިރު ކަމަށެވެ. އަދި ފުލުސްމީހާއަށް ހަމަލަދޭން މަސައްކަތް ކުރީ ވަޅިން ކަމަށާއި އެހާދިސާގައި ފުލުސްމީހާއަށް އަނިޔާނުވާ ކަމަށްވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

މިއަދު ފުލުހެއްގެ ގެއަށް ބަޔަކު ވަދެ ފުލުސް މީހާއަށް ހަމަލަދޭން މަސައްކަތް ކޮށްފައިވާއިރު ރޭ މާލެތެރެ ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ތިން ފުލުހަކަށް ބަޔަކު ހަމަލާދީ މާރާމާރީ ވަނީ ހިންގާފަ އެވެ. ފަހަކަށް އައިސް ފުލުހުންނަށް ހަމަލަދިނުމާއި ބިރުދެއްކުން އިތުރުވެފައިވާއިރު ފުލުހުންގެ އާއިލާތަކަށް ވެސް ހަމަލަދިނުން ވަނީ އިތުރު ވެފަ އެވެ.