މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލެ އާއި ރަށްރަށުގައި ޖަރީމާތައް ހިންގާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ދުއްތުރާއާއި ގެއްލުންތައް ދޭ ކަމަށް ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކަންކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފި އެވެ.

ރައީސް ވިދާޅުވީ އެކިކަންކަމުގެ ތަހުގީގުތައް ހިންގުން އޮތީ ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި ކަމަށާއި، އެކަންކަން ބަރާބަރަށް ގެންގޮސް އަވަސްކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. ކ. ގާފަރަށް ރައީސް ކުރެއްވެވި ދަތުރުފުޅުގައި އެ ރަށުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ދިމާވެފައިވާ ނުރައްކާތަކަށް ވިސްނަވާ ރާއްޖޭގެ ސަލާމަތަށްޓަކައި ޕްރޮސެކިއުޓަރު ޖެނެރަލް އެމަނިކުފާނުގެ ވާޖިބު ބަރާބަރަށް އަދާކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މައްސަލަތައް އަވަހަށް ނިންމަވައި ދެއްވުމަށް ކޯޓުތަކަށް ރައީސް ގޮވާލެއްވެވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ހަމަނުޖެހުންތައް ހިންގަނީ އެ ޕާޓީގައި އިސްކޮށް ތިބި މަދުބައެއްގެ އިރުޝާދާއި އެމީހުންދޭ ހިތްވަރުގެ ސަބަބުން ކަމަށާއި އެ ޕާޓީގެ ގިނަ މެންބަރުންނަކީ ޖަރީމާތަކުގައި ބައިވެރިވާ މެންބަރުން ނޫން ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ޤައުމު ހަލާކުވެ ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓެން އުޅޭއިރުގައި ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެތްތެރިކަންވެސް ހުންނާނީ ވަކި ވަރަކަށް،" ގާފަރުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެކިތަންތަނުން ވެސް މިފަދަ ކަންތައްތައް ފެނިއްޖެ ކަމަށާއި، އޭގެ ސަބަބުން، ލިބޭ ހިތާމައާއި ހިތްދަތިކަން ވެސް ފެނިއްޖެ ކަމަށެވެ. ދެން ވިދާޅުވީ ވަކި ވައްތަރެއްގެ ފިކުރަކަށް ގޮސް، އެކަން ވަކި ހިސާބަކަށް ގެންދެވުމުން މީހާގެ ބުއްދި ފިލައިގެންގޮސް ބޮޑެތި ޖަރީމާތައް ހިންގަނީ ކަމަށެވެ. އަދި ރާއްޖެ އެ ހިސާބަށް ދިޔަކަ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ޑިމޮކްރަސީ ކަމަށާއި ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމު ޤާއިމުވެފައި އޮތީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތުގެ މަތިން ކަމަށެވެ.