17 May 2022, 08:48
"ދަރިފުޅާ ޒިވިއަން... ބޭބެއަށް ވިސްނައިދީބަލަ... ބޮޑެތި މީހުންނަށް އިހުތިރާމް ކުރަންވާނެއެއްނު... ކިތަންމެ މަތީ މަގާމެއްގަ އުޅުނަސް އަދަބުވެރިކަން ބަހައްޓަންވާނެ..." މުހައިމިނުގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. "ދަރިފުޅު ބުނެބަލަ... މަންމަ ނިޔާވުން އެއީ ބައްޕަގެ މައްސަލައެއްތަ؟... ކޮންމެ މީހަކުވެސް މަރުވާނެ... އެމީހަކު މަރުވާނެ ގޮތްވެސް މާކުރިން އޮންނާނީ ލިޔުއްވާފަ..."
********
"ބްރަދަރ..." ޒިވިއަން އައިޒަކަށް ވިސްނައިދޭން އުޅުނެވެ.
އައިޒަކް ވަގުތުން ޒިވިއަންގެ އަތް ފޮޅުވައިލިއެވެ.
"ޒިވިއަންއަށް އަދި ތިއުޅެނީ އެމީހާގެ ގޮތް ނޭނގިގެން..." އައިޒަކް އޭނާގެ އަޑަށް ބާރުލަމުން ބުންޏެވެ.
"ހިނގާ އިހަށް ބޭރަށް..." ޒިވިއަން އައިޒަކް ގޮވައިގެން ބޭރަށް ނުކުންނަން އުޅުނެވެ.
"އޭނަ ކައިރީ އަހާބަލަ އެއީ ކޮން ކަހަލަ މީހެއްތޯ... މަންމައާ ދޭތެރޭ އޭނަ ކަންތައް ކުރީ ކިހިނެއްތޯ..." އައިޒަކްގެ ރުޅި ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ.
ޒިވިއަން ހުރީ ބޯ ގޮވާވަރުވެފައެވެ. އެއްކޮޅުން ބައްޕައެވެ. އަނެއްކޮޅުން ބޭބެއެވެ. އޭނާ އަޑު އަހާނީ ކާކު ދައްކާ ވާހަކައެއް ހެއްޔެވެ؟
"އޭނަ ކަންތައްކުރި ގޮތް އެނގޭނަމަ، ޒިވިއަން ތިތަނުގަވެސް ނުހުންނާނެ..." އައިޒަކް އޭނާގެ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
"ޕްލީޒް ހިނގާ ދާން..." އިރަމްއަށް ރޮވުނެވެ. އޭނާގެ އަޑު ބޭރުވީވެސް ކިރިޔާއެވެ.
އިރުކޮޅަކުން ފެނުނީ އިރަމް ވެއްޓެން ދިޔަ ތަނެވެ. ޒިވިއަން އަށާއި އައިޒަކަށް އިރަމްގެ ގައިގައި ހިފަހައްޓައިލެވުނީ ކިރިޔާއެވެ. އައިޒަކްގެ އަތުގެ ތެރެއަށް އިރަމް ދެމުނެވެ.
********
އިރަމް ލޯ ހުޅުވައިލިއިރު އޮތީ ހަސްފަތާލުގައެވެ. އޭނާގެ ކައިރީގައި އިނީ އައިޒަކެވެ. އައިޒަކް އިނީ އިރަމްގެ އަތުގައި ހިފަހައްޓާލައިގެން ފެންކަޅިވެފައެވެ.
"ސޮރީ..." އައިޒަކް އިރަމްގެ އަތަށް ފިތައިލިއެވެ.
އިރަމް ހިނިތުންވެލި ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައި ކޮންމެވެސް ސިއްރުތަކެއް ފޮރުވިފައިވާކަން އައިޒަކަށް ޔަގީންވިއެވެ. އިރަމް ކުޑަކޮށް ހަމައަކަށް އެޅިލުމުން ޝާލިން އާއިއެކު އައިޒަކް ނުކުމެލީ ބޭރަށެވެ. އޭނާގެ ހިތުގައި ފުނިޖެހުނު އެތައް ސުވާލުތަކެއްގެ ޖަވާބު އެނގޭނީ ހަމައެކަނި ޝާލިންއަށް ކަން އެނގޭތީއެވެ.
"ތިވާހަކަ ރަނގަޅުވާނީ އިރޫ ކައިރީ އެހިއްޔާ..." އައިޒަކް ސުވާލުކުރުމުން ޝާލިންގެ ފަރާތުން ލިބުނީ އޭނާ މާޔޫސްވާ ކަހަލަ ޖަވާބެކެވެ.
"ޕްލީޒް... އަހަރެން އެނގެން ބޭނުން..." އައިޒަކް ބުނެލިއެވެ.
"އިރޫ ހަމައަކަށް އެޅުނީމަ ތި ވާހަކަ ދައްކާލަން އަހަންނަށް ފެންނަނީ..." ޝާލިން ހާމަކުރީ އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ.
"ވީގޮތް ނޭނގެނީސް، އެކަހަލަ ވާހަކައެއް އިރަމް ކައިރީ އަހާކަށް އަހަންނަކަށް ފަސޭހައެއް ނޫން... އެހެންވެ ޝާލިންގެ ކައިރީ އެންމެ ފުރަތަމަވެސް މިއެހީ..." ޝާލިންގެ ޚިޔާލު އައިޒަކަށް ކަމަކުނުދިޔައެވެ.
"ތީ ހާދަ އުނދަގޫ ކަމެކޭ..." ޝާލިން ދޫކޮށްލީ ފުން ނޭވާއެކެވެ.
"ޝާލިން!... އަހަންނަށް ހީވަނީ މީ އަހަންނަށް ހަގީގަތް އެނގެންޖެހޭވަރުގެ ކަމެއް ހެން..." ޝާލިންގެ މިޒާޖު އެނގޭތީ އައިޒަކް ހުރީ، ދޫކުރާގޮތަކަށް ނޫނެވެ.
"އާނ... ތިބުނީ ރަނގަޅަށް..." ދެވަނަ ވިސްނުމަކަށް ނުގޮސް ޝާލިން ބުނެލިއެވެ. "އެއީ އަހަންނަށްވެސް ސިއްރުކުރަން ފަސޭހަ ވާހަކައެއް ނޫން... އެ ވާހަކަ އެނގުން އެންމެ މުހިއްމު މީހަކީވެސް ޒެކް... އެކަމަކު އިރޫގެ ކަމެއްވީމަ އޭނަ ކައިރީ ނާހާ އެވަރުގެ ވާހަކައެއް ބުނަން އަހަންނަށް އުނދަގޫ ވަނީ... އަހަންނަށް ޔަގީން އިރޫ ބޭނުމެއް ނުވާނެކަން އެ ވާހަކަ ޒެކްއަށް އެނގޭކަށް...."
"އިރަމް އެއީ އަހަރެންގެ އަނބިމީހާ... ވީކަމެއް އެނގުނީމަ އަހަންނަށް އޭނައަށް އެހީތެރިކަމެއް ވެދެވޭނީ... އިރަމް އެހާލުގަ އިންދާ އޭނައަށް ދެރަވާގޮތަކަށް އެއްވެސް ކަމެއް ވާކަށް އަހަރެން ބޭނުމެއް ނޫން... ކިތަންމެ ބޮޑު ސިއްރަކަސް، އަހަރެން އިރަމްއަށް ދެރަގޮތެއް ނުހަދާނަން... އޭނަ ދޫކޮށެއް ނުލާނަން... ހުރިހާ ކަމަކާ އެކީ އިރަމް ބަލައިގަންނާނަން..." އައިޒަކް ޔަގީންކަން ދިނެވެ.
ޝާލިން ވިސްނައިލިއެވެ. އައިޒަކް ބުނިހެން އިރަމްގެ ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭން އެންމެ ކައިރީގައި ހުރީ އައިޒަކެވެ. ވީއިރު، އައިޒަކަށް ހަގީގަތް ސިއްރުކުރުމުގެ ބޭނުމެއް ނެތެވެ. އެކަމަކު، އޭނާ އިރަމް އާއި ދޭތެރޭގައިވެސް ވިސްނަން ޖެހެއެވެ. ހަގީގަތް ހާމަކުރާ ހިސާބުން އިރަމް އޭނާއަށް އިތުބާރުކުރުން ހުއްޓައިލާނެއެވެ.
"އޯކޭ..." ޝާލިން ބުންޏެވެ. "އިރޫ ކައިރީ އެއްވެސް ވާހަކައެއް ނުބުނާތި!..."
"ނުބުނާނަން... އައި ޕްރޮމިސް..." ހަގީގަތް އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އައިޒަކް ހުރީ ކޮންމެ ގޮތެއް ހަދައިގެންވެސް އެކަން ކޮށްފައި ނޫނީ ހުއްޓާނުލާން ނިންމައިގެންނެވެ.
"މުހައިމިނަކީ ވަރަށް ނުބައި މީހެއް..." ޝާލިން ވާހަކަ ފެށީ ސީދާ މައުޟޫޢު އިންނެވެ.
ޝާލިންގެ ރާގުންވެސް އައިޒަކްގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އެއީ އޭނާ ހީކުރި ގޮތްވެސް މެއެވެ. މުހައިމިނު ފެނުމުން އިރަމްއަށް ވީގޮތުން އޭނާ ހުރީ ޝައްކެއްގެ މަތީގައެވެ. ޝާލިން ބުނަން އުޅޭ އެއްޗެއް އެނގޭހިތުން ކެތްމަދުވެފައި ހުރި ނަމަވެސް، އައިޒަކްގެ ހިތުގެ ކަނަކުން ބިރުވެރިކަމުގެ ރަނގަބީލެއް ޖަހަން ފެށިއެވެ. ހަގީގަތް އެނގުމުން ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އޭނާއަށް އިރަމް އާއި ކުރިމަތިލާން ކެރިދާނެ ހެއްޔެވެ؟ ނޫނީ ވީކަމެއް، ނުވާ ކަމަކަށް ހަދައިގެން ހުރެވިދާނެ ހެއްޔެވެ؟ އެނގޭ ހަގީގަތެއްގެ ސަބަބުން އޭނާއަށް މުހައިމިނަށް ގެއްލުމެއް ދެވިދާނެ ހެއްޔެވެ؟
"ޕްރޮމިސް މީ، ޒެކް އިރޫ ދޫކޮށްނުލާނެކަމަށް..." ޝާލިންގެ އަޑުގައި ޖެހިލުންވުމުގެ އަސަރު ވިއެވެ.
"އަހަރެން މިބުނީނު އަހަރެން އިރަމް ދޫކޮށެއް ނުލާނަމޭ..." އައިޒަކް ބުނެލިއެވެ.
"އޭނަ އިރޫ ރޭ..ޕް...ކުރަން މަސައްކަތް...ކުރި..." ޝާލިންއަށް ބުނެވުނީ ތަންކޮޅެއް އުނދަގުލުންނެވެ.
"ވަޓް؟..." އައިޒަކްގެ ދެފައިން ވަރުދޫވިއެވެ. އޭނާއަށް ފާރުގައި ހިފަހައްޓައިލެވުނެވެ.
"އެދުވަހު، އަހަރެންގެ ބައްޕައަށް ނުދެވުނުނަމަ، އެ ނުބައި މީހާ..." ޝާލިންއަށް ރޮވުނެވެ. ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ދެލޮލުން އައި ކަރުނަތައް ފޮހެލަމުން އޭނާ އައިޒަކަށް ބަލައިލިއެވެ. އެދުވަހުގެ ތާޒާ ހަނދާންތައް މިއަދުވެސް ޝާލިންގެ ހަނދާނުގައި ހުރިކަން އެ މޫނުން ދޭހަކޮށްދެމުން ދިޔައެވެ.
"އެއީ ތި ދެމީހުން ކައިވެނިކުރަން އުޅުނު ދުވަސްކޮޅު... ތިމީހުންގެ ކައިވެނި ހުއްޓުވި މީހަކީ މުހައިމިނު... މުހައިމިނު އިރޫ ކައިރީ ބުނީ އޭނައަކީ ޒެކްގެ ބައްޕައޭ... ކައިވެނި ކޮށްފިއްޔާ، ކޮންމެ ދުވަހަކު އޭނަ އިރޫއަށް ގޯނާ ކުރާނަމޭ... އެހުރިހާ ކަމެއް ކުރީ، ތި ދެމީހުން ދުރުކުރަން..." ޝާލިން އިތުރަށް ކިޔައިދިނެވެ.
އައިޒަކްގެ ހިތް ފޮތިފޮތިވިއެވެ. ރުޅި އައިސް މުޅި މޫނު ރަތްވިއެވެ. މުހައިމިނުގެ ނުބައިކަން އެވަނީ ހައްދުފަހަނަ އަޅާފައެވެ. އައިޒަކް ލޯބިވާ އެތައް ބަޔަކަށް އޭނާ ގޯނާކޮށްފިއެވެ. ހިތުގައި އުފެދުނު ޝަކުވާތަކާއިއެކު އައިޒަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އެހުރިހާ ދުވަހު އޭނާ އިރަމް ކުށްވެރިކުރީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ވޭނެއް ތަހަންމަލް ކުރުމަށް ފަހުގައިވެސް، އައިޒަކްގެ ނަފުރަތު އަމާޒުވުމުން، އެހިތުގައި ކިހާ ވޭނެއް އަޅާނޭ ހެއްޔެވެ؟ ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ތެދަކަށް ނުވެދާނޭ އިރަމް ބުނީ އެހާ ފުން މާނައެއްގައި ހެއްޔެވެ؟ އެކަމަކު، އިރަމް އޭނާއަށް ހަގީގަތް ސިއްރުކުރީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހަރަކުވެސް ވީގޮތް ނުބުނެ ފިލައިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ އައިޒަކަށް ފުރުސަތެއް ނުދިނީ ކީއްވެ ހެއްޔެވެ؟ އޭނާ އެވަރަށް އައިޒަކަށް އިތުބާރު ނުކުރާތީ ހެއްޔެވެ؟
"ޒެކް!... ޒެކް!..." ޝާލިން އައިޒަކްގެ ކޮނޑުގައި ދެފަހަރަކު ޖަހައިލިއެވެ.
އައިޒަކް ގަބުވެފައި ހުރުމުން، ޝާލިން ހާސްވިއެވެ. އިރަމްއެކޭ އެއްވަރަށް އައިޒަކްގެ ހިތުގައިވެސް ޖެހޭނޭކަން އޭނާއަށް އެނގުނެވެ. އެ ރުޅިގަނޑުގައި އޭނާ ގޮސް މުހައިމިނަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ޝާލިން އައިޒަކަށް ހިތްވަރު ދިނެވެ. މާޒީ ހަނދާން ނައްތާލާފައި ދިރިއުޅުމުގައިގެން ކުރިއަށްދާން ނަސޭހަތް ދިނެވެ. އަދި އެއީ އިރަމްގެ ބަނޑުގައި އޮތް ދަރިފުޅަށްޓަކައި ކަން ބުނެދިނެވެ.
"އެއީ މާޒީ... މިހާރު އިރޫވެސް އެކަން ހަނދާން ނައްތާލާފަ، ޒެކްއާ އެކީ އެ އުޅެނީ ވަރަށް އުފަލުންނެއްނު..." ޝާލިން ބުންޏެވެ.
"އަހަރެން ދެން ކިހިނެތް ހަދާނީ؟..." އައިޒަކަށް ފާރުގައި ލެނގިލެވުނެވެ. ހަމަ ރަނގަޅަށްވެސް އޭނާގެ ދެފައިން ވަރު ދޫވީއެވެ. އިރަމްއަށް އެހެން ދިމާވީ އައިޒަކްގެ ސަބަބުން ކަމުގައި އޭނާ ގަބޫލުކުރިއެވެ. އެކަމަށްޓަކައި އަމިއްލަ ނަފުސަށް ދުވަހަކު މަޢާފު ދެވިދާނެ ކަމާއިމެދު އެ ހިތުގައި ސުވާލު އުފެދުނެވެ.
"އަހަރެން ފެންނަ ކޮންމެ ފަހަރަކު އިރަމްއަށް އެކަން ހަނދާންވާނެ... އަހަންނާ އެކީ އުޅެން އިރަމްއަށް ކިހާ އުނދަގޫވާނެ..." ކުށްވެރިއެއްހެން އިސްޖަހައިލަމުން އައިޒަކް ބުންޏެވެ.
"ތިހެން ނުވިސްނާ... ތިހެން ވިސްނައިގެން ކަންކަން ވާނީ އިތުރަށް ގޯސް... އެކަމުގަ ޒެކްގެ އެއްވެސް މައްސަލައެއް ނެތް..." ޝާލިން ބުނެދިނެވެ.
"އަހަރެން ލޯބިވާ އެންމެނަށްވެސް އެ ނުބައި މީހާ..." ކަރުނައިގެ ތެރެއިން އައިޒަކްގެ ދެލޮލުން ފެނުނީ ރުޅިވެރިކަމުގެ ވިދުވަރެވެ. ނަފުރަތުގެ ދިލަ ހޫނުން އޭނާގެ އެތެރެހަށި ފިހެމުން ދަނީއެވެ. ނާރުތަކަށް ލޭ އަރައި ފުފެމުން ދިޔައެވެ. ނޭވާ އަވަސްވިއެވެ. އަތުގެ އިނގިލިތައް ވަންނަހާ ބާރަށް މުށްކަވާލާފައި އޮތް އަތުން ފާރުގައި މަޑުމަޑުން ޖަހަމުން ދިޔައެވެ.
މާޒީގައި ކުށްވެރިންގެ ގޮތުގައި އައިޒަކް ލިސްޓުކުރި ގިނަ މީހުންނަކީ ކުށްވެރިންނަކަށް ނުވިއެވެ. ހަގީގަތް އެނގޭއިރު، ކުށް ކުރެވިފައި އޮންނަނީ އޭނާއަށެވެ. ނޫނީ އޭނާ އާއި ގުޅުންހުރި މީހަކަށެވެ. އޭރު އޮންނަނީ، ނުކުރާ ކުށެއްގެ ބަދަލު އޭނާ ލޯބިވާ މީހުންނަށް ދެވިފައެވެ.
"އަހަރެން އެނުބައި މީހާގެ ކިބައިން ބަދަލު ހިފާނަން..." އައިޒަކްގެ އަގީދާ ބަލިކަށިވިއެވެ. ޝައިތާނާ އޭނާގެ ސިކުނޑިއަށް ގަދަވެގަތެވެ. މަންމަގެ ނަސޭހަތުގެ މަތިން ހަނދާން ނެތުނެވެ.
"ބަދަލުހިފުމަކީ ރަނގަޅު ގޮތެއް ނޫން ޒެކް... އެއީ ވަރަށް ފިނޑި މީހުން ކުރާ ކަމެއް... އަހަރެން އުއްމީދުކުރަން، ޒެކް ތީ ވަރަށް ވިސްނޭ މީހަކަށް ވާނެކަމަށް..." އައިޒަކަށް ވިސްނައިދިނުމުގެ ގޮތުން ޝާލިން ބުންޏެވެ.
ޝާލިން ދިޔަ އިރުވެސް އައިޒަކަށް ހުރެވުނީއެވެ. އެތެރެއަށް ވަންނާނެ ހިތްވަރުވެސް ނުލިބިފައެވެ. އެފަދަ ހަގީގަތެއް އެނގޭހާލު އޭނާ އިރަމްގެ ކުރިމައްޗަށް އަރާނީ ކިހިނެތް ހެއްޔެވެ؟ ކުރިން އުޅުނުހެން މަޖާކޮށްފައި އުޅޭނީ ކިހިނަކުން ހެއްޔެވެ؟ ހަގީގަތް އެނގުމުން އައިޒަކަށް އިރަމް އާއި ކުރިމަތިލާން އުނދަގޫވިއެވެ. އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެން އޭނާއަކަށް ނޫޅެވޭނެއެވެ.
********
ޝާލިން އެތެރެއަށް ވަންއިރު އިރަމް އޮތީ ފޯނާއި ކުޅޭށެވެ. ޝާލިން ފެނުމުން އައިޒަކް ކޮބައިތޯ ހޯދައިލާ ފަދައިން އޭނާގެ ފަހަތް ބަލައިލިއެވެ.
"އޯކޭތަ؟..." ޝާލިން ހިނިތުންވެލީ ނުތަނަވަސްކަން ފޮރުވަމުންނެވެ. އޭނާ ގޮސް ގޮނޑީގައި އިށީނދެލިއެވެ.
"ކޮބާ ޒެކް؟..." އިރަމް ސުވާލުކުރިއެވެ.
"ބޭރަށް ދިޔައީ... ކޮފީއެއް ބޮއެގެން ކަންނޭނގެ އަންނާނީ ދެން..." އިރަމް ހާސްވެދާނެތީ، ޝާލިންއަށް މަޖުބޫރުވީ ދޮގެއް ހަދާށެވެ.
"އަހަރެން މީ ކޫލް މީހެކޭ އަސްލު... ބޭބީ އޮތީމަ ކަންނޭނގެ އިމޯޝަންތައް ބެލެންސް ކުރަން އުނދަގޫވީ... އޭނަ ފެނުނީމަ ފާޑެއްގެ ގޮތެއް ވީ..." ހަމަޖެހޭކަން ދައްކަން މަސައްކަތް ކުރަމުން އިރަމް ހިންދިރުވައިލިއެވެ. "އެހެން ނޫންނަމަ، ފުންމާލާފަ، އެއްފައިން ޖަހާފަ، އޭނަގެ ދަތްތައްވެސް ނައްޓުވާލާނަން... ޑިޝޫން..."
އިރަމް ހަރަކާތްތަކާއިއެކު ވާހަކަ ދެއްކި ގޮތުން ޝާލިންއަށް ހެވުނެވެ.
"ހޫމްމް... ދެން ކޮންމެހެން ބޭބީގެ ބޮލުގަ ހުރިހާ ކަމެއް އަޅުވާނެ ކަމެއް ނެތް އެނގޭ..." ޝާލިން ލޯ އަޅައިލިއެވެ. އެއަށްފަހު އިރަމްގެ ބަނޑުގައި އަތް ޖައްސައިލިއެވެ.
"މަންމި ބޭބީ ބޮލުގަ ނާޅުވާނޭ އެއްވެސް ކަމެއް ދޯ ދޫނީ..." ބަނޑުގައި ފިރުމައިލަމުން އިރަމް ބުންޏެވެ.
ޝާލިންއަށް އިރަމްއަށް ބަލަހައްޓައިގެން އިނދެވުނެވެ. އިރަމް ހާދަ ހިތްވަރުގަދައެވެ. އަމިއްލަ ހިތާމަތައް ފޮރުވާފައި އެހެން މީހުންގެ ހާސްކަން ފޮރުވަން އޭނާ އަބަދުވެސް މަސައްކަތް ކުރެއެވެ. އެތެރެއިން މީހާ ފުނޑުފުނޑުވި ނަމަވެސް، އިރަމް އިސްކަން ދޭނީ އެހެން މީހުންނަށްކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ ޝާލިންއެވެ. ފެންކަޅިވާން ފެށުމުން ޝާލިން ތެދުވިއެވެ. އޭނާ ގޮސް އިރަމްގެ ގައިގައި ބައްދައިލިއެވެ. ބަނޑުގައި ކަންފަތް ޖައްސާލައިގެން އިރުކޮޅަކު އޮތެވެ.
"ކިހިނެއްވީ؟..." ޝާލިންއަށް ކަމެއް ވެއްޖެކަން އިރަމްއަށް އެނގުނެވެ.
"ބޭބީއެއް ބޭނުންވީ..." ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން ޝާލިން ވާހަކަ އޮޅުވައިލިއެވެ.
"ދެން އަވަހަށް މީހަކާ އިންނަން އުޅެބަލަ އެހެންވިއްޔާ..." އިރަމް ލުއި ހިނިގަނޑެއް ޖަހައިލިއެވެ.
"އިރޫ ޖެހޭނީ އަހަންނަށް މީހަކު ހޯދަދޭން..." ޝާލިންވެސް އިރަމްގެ ހިނިގަނޑުގައި ބައިވެރިވެލިއެވެ.
********
ގޭގެ ބެލް އަޅައިލި އަޑު އިވުމުން ޒިވިއަން ގޮސް ދޮރު ހުޅުވައިލިއެވެ. ޒިވިއަން އެއްފަރާތްކޮށްފައި އައިޒަކް އެތެރެއަށް ދެމިގަތީ ހަލުވިކަމާއި އެކުގައެވެ. އޭނާ ގޭގެ ފަހަރަކު ތަނެއް ބަލަމުން ގޮސް، ކޮޓަރިތަކުގެ ދޮރު ހުޅުވައި، ބަލަން ފެށިއެވެ. އައިޒަކްގެ މޫނުމަތިން ފެންނަމުންދިޔަ ނުރައްކާތެރި ވިދުވަރުން، ޒިވިއަންގެ ހިތް ރޫރޫއަޅައިގަތެވެ.
(ނުނިމޭ)