މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް މަގުމައްޗަށް އެޅި ހަތަރު މީހެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ކުރާކަމަށެވެ.

އެގޮތުން ހަތަރު މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަތައް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންދިޔަ ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތައް މަގުމައްޗަށް އަޅައި އެކިއެކި އިމާރާތްތަކުގެ ފާރުތަކުގައި އިންޑިއާ އައުޓް ޖެހައިފައި ހުންނަ މަންޒަރު ވަރަށް ގިނައިން މިހާރު ފެނެއެވެ. ނަމަވެސް ފުލުހުން އެފަދަ މައްސަލަތައް ބަލާ ކަމަށާއި އެފަދަ ކަންކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމައި އެ ކެމްޕޭން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޤަރާރެއް ނެރުއްވައިފައެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ އެ ޤަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށޫއަރާ ޤަރާރެއްކަމަށް ބުނެ އެ ޤަރާރަކީ ބާތިލު ޤަރާރެއްކަަމަށް ނިންމައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޕީޕީއެމްއިން ބުނަނީ ރައީސް ނެރޭ ޤަރާރަކުން އެ ކެމްޕޭން ދެން ނުހުއްޓުވޭނެކަމަށެވެ. އެ ޤަރާރާއެކު ވެސް އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ފުލުހުން ގެންދަނީ "އިންޑިއާ އައުޓް" ލިޔެ ހަރުކޮށްފައި ހުންނަ ބެނާތައް ވެސް ނަގަމުންނެވެ.