ގައުމީ ޕާޓީގެ ނާއިބް ރައީސް އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހު ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފުގެ އަބުރާއި ބެހުނުކަން ސާބިތުވެ ބަދަލުގެ ގޮތުގައި 2،500ރ. ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އަބުރާ ބެހުމުގެ ދައުވާ އިމާދުގެ މައްޗަށް ހަސަން ލަތީފު ކުރެއްވީ ޖުލައި ،4 2010 ވަނަ ދުވަހުގެ ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، "ޔޫތު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ހަސަން ލަތީފް އައްޑު އަތޮޅަށް ވަޑައިގެން އައްޑު އަތޮޅު މަރަދޫފޭދޫ ޔޫތު ސެންޓަރުގެ އެގްރިމެންޓްގައި ސޮއިކުރެއްވިކަމުގެ މައުލޫމާތު އަޅުގަނޑަށް ލިބިފައިވަނީ ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު" ކަމަށް އިމާދު ވިދާޅުވެފައި ވާތީ އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިދިޔަ އާދީއްތަ ދުވަހު އިއްވެވި ހުކުމްގައި ބުނަނީ ދިޓީވީގައި އިމާދު އެހެން ވިދާޅުވެފައި ވީނަމަވެސް އެ އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ ހަސަން ލަތީފު ނޫން ކަން އެ އެގްރިމެންޓުން އެނގޭ ކަމަށެވެ.

މީގެ އިތުރުން އިމާދުގެ އެ ބަހަކީ ކަންހިނގާފައިވާ ގޮތް ސާފުނުކޮށް ހަސަން ލަތީފުގެ ގަދަރާއި އިއްޒަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އާންމުކުރެއްވި ހަގީގަތާ ޚިލާފް ވާހަކައެއް ކަމުން އިމާދުގެ ފަރާތުން އޭގެ ބަދަލެއްގެ ގޮތުން ގޮތުން 2،500 ރުފިޔާ ކުރިއަށް އޮތް އެއްމަސްދުވަހުގެ ތެރޭގައި ހަސަން ލަތީފަށް ދެއްކުމަށް ވެސް ސިވިލް ކޯޓުގެ ހުކުމުން ވަނީ އިމާދަށް އަންގާފަ އެވެ.