12 May 2022, 19:33
މިއަހަރު ޤަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ މެޗެއް ބައްލަވައިލެއްވުމަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދައުވަތު އަރުވައިފިއެވެ.
ރައީސަށް މި ދައުވަތު އެރުވީ އުރީދޫންނެވެ. އުރީދޫގެ ސީއީއޯ ޚާލިދު ޙަސަން އަލް ހަމާދީ ވަނީ މިއަދު ރައީސް ޞާލިހާއެކު ބޭއްވި މަޝްވަރާ ބައްދަލުމުގައި އެމަނިކުފާނަށް އެ ދައުވަތު އަރުވާފައެވެ.

ރައީސް، އުރީދޫގެ އެމްޑީ އަދި ސީއީއޯއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އުރީދޫގެ ސީއީއޯ ވަނީ އުރީދޫން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސް، އުރީދޫގެ އެމްޑީ އަދި ސީއީއޯއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސަށް ވަނީ ވޯލްޑް ކަޕުގައި ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ ބޯޅައެއް ވެސް ވެދުމަށް އަރުވާފައެވެ.

ރައީސް، އުރީދޫގެ އެމްޑީ އަދި ސީއީއޯއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މިއަހަރު ޤަތަރުގައި ބާއްވައި "ފީފާ ވޯލްޑް ކަޕް ޤަތަރު 2022" އޮންނާނީ ނޮވެމްބަރު 21 ވާ ހޯމަ ދުވަހުން ފަށައިގެން 18 ޑިސެމްބަރު ވާ އާދީއްތަ ދުވަހާ ހަމައަށެވެ.