12 May 2022, 16:41
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ސެކިއުރިޓީއަށް މި ސަރުކާރުން އިސްކަންނުދޭ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ އެހެން ވިދާޅުވީ، މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ރައީސް ޔާމީން "ސައިޒުކުރާނެ" ކަމަށް ބުނެ އިންްޒާރު ދިން ފަހުންނެވެ. އަދި ރައީސް ޔަމީން ހައްޔަރު ކުރުމަށް ގޮވާލައި، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ފާރަށް ރޭގެ ވަގުތެއްގައި ސްޕްރޭ ޖަހާފައި ވަނިކޮށެވެ.
މިއަދު ޕީޕީއެމާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ މިކަންކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެމައްސަލައިގައި އަދި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށެވެ.
"އަޅުގަނޑުމެންނަށް މި ހިނގާ ކަންކަމުގެ ވަށައިގެން ހުރި ކަންކަމަށް ބަލާލީމަ އެނގެނީ ރައީސް ޔާމީނާ ދޭތެރޭގަ މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެއްޖެކަން. އެމަނިކުފާނުގެ ސެކިއުރިޓީއަށް އިސްކަމެއް ނުދޭކަން. މިވާހަކަ މި ދަންނަވަނީ އަޅުގަނޑުމެންގެ ކަންބޮޑުވުން ހުރީމަ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ, ރައީސް ޔާމީނާ މެދު މި މިސަރުކާރުން އަމަލުކުރަމުންދާ ގޮތަކީ އެޕާޓީންނާއި ޕާޓީގެ ސަޕޯޓަރުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"މިއަދުގެ ސަރުކާރަށް ގޮވާލަން. އެއްގޮތަކަށްވެސް ތިހެން ނަހައްދަވާށޭ. ތިބޭފުޅުންގެ މައްޗަށް ގާނޫނު ލާޒިމްކޮށްފަހުރި ކަންތައްތައްތައް ގާނޫނޫގަ ބަޔާންކޮށްފައި ހުރި ގޮތަށް ކޮށްދެއްވާށޭ. ރައީސް ޔާމީންގެ ސަލާމަތާ ރައްކާތެެރިކަން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވާށޭ،" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.