21 Mar 2012, 12:37
މިސްރުގައި ހުންނަ އިސްރާއީލް އެމްބަސީގެ އިމާރާތުގައިވާ މުދާތައް ނެރެ އެތަން ހުސްކުރަން އިސްރާއީލް ސަރުކާރުން އެދިއްޖެ އެވެ.
މިސްރުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި އަދި ގާހިރާ އެއާޕޯޓްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ އިސްރާއީލު އެމްބަސީ ހުރި ހުރިހާ މުދާ އަނބުރާ އިސްރާއީލަށް ގެންދިއުމަށް، ދެ މަތިންދާ ބޯޓް ޖެއްސުމުގެ ހުއްދައަށް އެދިފައިވާ ކަމަށާއި ނަމަވެސް އެއީ ކީއްވެގެން ކަމެއް އެނގިފައި ނުވާ ކަމަށެވެ.
ނަމަވެސް މިދިޔަ ހަފުތާގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކާ ގުޅިގެން، މިސްރުގައި ހުރި އިސްރާއީލްގެ އެމްބެސެޑަރު ފޮނުވާލައި، ޔަހޫދީ ދައުލަތާ މިސްރާ ދެމެދު އޮންނަ ގުޅުން އަލުން މުރާޖައާ ކުރުމަށް މިސްރު ޕާލަމެންޓްގެ ކޮމިޓީއަކުން ނެރުނު ބަޔާނެއްގައި ގޮވާލާފައިވެ އެވެ.
އެމްބަސީގައި ހުރި މުދާ ހުސްކުރަން އެންގި ނަމަވެސް އެތަނުގައި ތިބި މުވައްޒަފުން ގެންދަން އިސްރާއީލުން އެދުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރު ނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އިސްރާއީލް ސަރުކާރުގެ ބަހެއް ލިބޭ ގޮތްވެފައި ނުވާ ކަމަށް ވެސް ރޮއިޓާސްއިން މިއަދު ބުންޏެވެ.
މިސްރުގައި ހުރި އިސްރާއީލްގެ އެމްބަސީގެ ކައިރީގައި ބަޔަކު މުޒާހަރާކޮށް، އެތަނަށް ގެއްލުން ދިނުމުން މިސްރުގައި ހުރި އިސްރާއީލްގެ އެމްބެސެޑަރު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ނަމަވެސް އަލްވަދާއު ކިއުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށް އެމްބެސެޑަރު ޔިޓްޒަކް ލެވެނަން ވަނީ ނޮވެމްބަރު މަހު އަލުން މިސްރަށް ގޮސްފަ އެވެ. އިސްރާއީލްގެ އާ އެމްބެސެޑަރު ޔާކޯވް އަމިތާއީ މިސްރަށް ދިޔައީ މިދިޔަ ފެބްރުއަރީމަހު އެވެ.
ގާހިރާ އެއާޕޯޓްގެ އޮފިޝަލަކު ބުނެފައި ވަނީ ދެ މަތިންދާ ބޯޓް ޖައްސަން އެދި އިސްރާއީލުން ފޮނުވި ލިއުން ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅައި އެހުއްދަ ވެސް މިހާރު ދީފައިވާ ކަމަށެވެ.