މިއަހަރު ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ އަދަދު އިތުރުކުރުމަށްޓަކައި ސައުދީ އަރަބިއާގެ ސަރުކާރާ މަޝްވަރާ ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސައުދީން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ރާއްޖެއަށް މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ 453 ޙައްޖު ކޯޓާއެވެ.

މިއީ ރާއްޖެއަށް އެންމެ މަދުން ޙައްޖު ކޯޓާ ލިބުނު އަހަރެވެ. މީގެ ކުރީ އަހަރުތަކުގައި ރާއްޖެއަށް ދެނީ އަހަރަކު 1000 ކޯޓާއެވެ. ނަމަވެސް ސައުދީ ރަސްގެފާނުގެ ހާއްސަ ހުއްދައެއްގެ ދަށުން އާންމުކޮށް އިތުރު ކޯޓާ ރާއްޖެއަށް ދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ކޯޓާ ވެސް އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ފާއިތުވި ދެ އަހަރުވެސް ދިވެހިންނަށް ޙައްޖުގައި ބައިވެރިވެވިފައި ނުވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ޖުމްލަ އެއްމިލިއަން މީހުންނަށް ފުރުސަތު ދޭނެކަމަށް ސައުދީން ބުނެފައިވެއެވެ.