އީދު ދުވަހު ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި، ގއ. ގެމަނަފުށީ ކެނެރީގޭ އަޙްމަދު ނާޒިހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ނާޒިހް ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން މި މައްސަލައިގައި ފަސް މީހަކުވަނީ ހައްޔަރުކުރެވިފައެވެ.

މި މައްސަލައިގައި ކުރިން ފުލުހުން ހައްޔަރުކުރި މީހުންނަކީ ތ. ތިމަރަފުށި، ސީނުގެ، އަޙްމަދު ޝިމްހާޒު، 22، އާއި މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް، 18، އާއި ގދ. ވާދޫ، އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް، 18،ގެ އިތުރުން އުމުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

އަދިވެސް އިތުރު ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިހާރު ފުލުހުން ހޯދަމުން އަންނަ ހަތަރު މީހުންނަކީ، ދަފްތަރު ނަންބަރު ރސ2260 މައުސޫމް މުޙައްމަދުދީދީ،27، އާއި ގއ. މާމެންދޫ، ގްލޭނޫރަންމާގެ އަޙްމަދު ރަބީޢު، 24، އާއި، އާއި ސ. ހުޅުދޫ ނާދީ މުނާދު ޖަޢުފަރު، 20،ގެ އިތުރުން ސ. މަރަދޫ ކޮރަލް އަޙްމަދު ސާތިޢު، 21، އެވެ.

ފުލުހުން ވަނީ މި ހަތަރު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެ އިދާރާގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ.

މި މައްސަލައިގައި ކުރަންޖެހޭ އިތުރު ތަހުގީގުތައް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.