Last Updated:
1 decade 4 year ago

ރައީސް ނަޝީދު އެޗްއާރުސީއެމްއަށް ހާޒިރުވެވަޑައިގެންފި

    ބުލޮގު ޚުލާސާ
    ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދުގެ ވަގުތެއްގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ހާޒިރުވާން އަންގައިފި އެވެ.

    "ސަން އޮންލައިން"އަށް ވަނީ އެކަން ކަށަވަރުވެފަ އެވެ. ނަޝީދު އެޗްއާރުސީއެމްއަށް ހާޒިރުކުރަނީ އެ ކޮމިޝަނުން ކުރާ ތަހުގީގެއްގައި ސުވާލުކުރުމަށެވެ.

    އެމްޑީޕީން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ރައީސް ނަޝީދު މިއަދު 3:00 ޖަހާއިރަށް އެޗްއާރްސީއެމްއަށް ހާޒިރުވާނެ ކަމަށެވެ.

    އެޗްއާރްސީއެމްއަށް ނަޝީދު ހާޒިރުކުރާއިރު އެ ކޮމިޝަނުން އަންނަނީ ނަޝީދުގެ ސަރުކާރުން އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓި މައްސަލަ ތަހުގީގު ކުރަމުންނެވެ.

    އެ މައްސަލައިގައި ނަޝީދުގެ ބަޔާނެއް ނެގުމަށް ފުލުހުންވެސް މީގެ ކުރިން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ނަޝީދު މިހާތަނަށް ފުލުހުންނަށް އެއްވެސް އެއްބާރުލުމެއް ދެއްވާފައެއްނުވެ އެވެ.

    15:49

    ރައީސް ނަޝީދުގެ ސަޕޯޓަރުން މިހާރު ވަނީ ކްރިމިނަލް ކޯޓް ކައިރިއަށް ގޮސްފައި.
    15:47

    ެރައީސް މުހައްމަދު ނަޝީދު ދެންމެ ގެއަށް ވަޑައިގެންފި. އަދިވެސް އެމަނިކުފާނުގެ ސަޕޯޓަރުން އެބަތިބި.
    15:46

    ރައީސް ނަޝީދުގެ ލީގަލް ޓީމްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ވިދާޅުވީ އެޗްއާރުސީއެމުން ރައީސް ނަޝީދު ހާޒިރު ކުރެއްވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކަމަށް. އަދި ސަރުކާރު ބަދަލުވި ދުވަހު ހިނގި ކަންކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ނަޝީދު ބޭނުންފުޅުތޯ އެޗްއާރުސީއެމް އިން ސުވާލު ކުރި ކަމަށް.
    15:40

    ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ މާރިއާ ދީދީ އާއި އާއި އިމްތިޔާޒް ފަހުމީ އާއި އަބްދުﷲ ހަސީނާއި ހަސަން ލަތީފް އަދި ހިޝާން ހަސަން.
    15:33

    ރައީސް ނަޝީދު ހާޒިރު ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލައިގައި ކަމަށް ލަފާ ކުރެއްވޭ ކަމަށް ރައީސް ނަޝީދު ވަނީ މިއަދު ނޫސްވެރިންނަށް ވިދާޅުވެފައި.
    15:27ހިއުމަން ރައިޓްސް ކޮމިޝަން ކައިރިން

    ރައީސް ނަޝީދާ އެމަނިކުފާނުގެ ލީގަލް ޓީމާއި އެޗްއާރްސީއެމްގެ މަޝްވަރާތައް ކުރިޔަށް އަދިވެސް ދަނީ. އެ ސަރަހައްދުގަށް މިވަގުތު ވަނީ ފުލުހުން ވެސް އައިސްފައި. އަދި ހަމަނުޖެހުމެއް ނުހިނގާ. ނަމަވެސް ރައީސް ނަޝީދުގެ ސަޕޯޓަރުން ތިބީ ފުލުހުން އެކި މުޒާހަރާތަކުގައި އަމަލުކޮށްފައިވާ ގޮތް ދައްކުވައިދޭ ފޮޓޯތައް ހިފައިގެން.
    15:25

    ރައީސް ނަޝީދު އެޗްއާރްސީއެމަށް ވަޑައިގެންނެވިއިރު އަރިހުގައި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ޕާލަމެންޓް މެންބަރުންނާއި އަދިވެސް އިތުރު ބައެއް އަރި ބޭފުޅުން ވެސް ވަޑައިގެން އެބަތިއްބެވި.
    15:18ހިއުމަން ރައިޓްސް ކޮމިޝަން ކައިރިން

    އެއްވެފައިވާ ރައީސް ނަޝީދުގެ ސަޕޯޓަރުން މަޑުކޮށްލައިގެން ތިބީ ހިމޭނުން ނަމަވެސް ފުލުހުން އެ ސަރަހައްދުން ސާ ގަޑިތަކުގައި ޝުއޫރުތައް ފާޅު ކުރަމުން ގެންދޭ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ލީގަލް ޓީމުން ވިދާޅުވަނީ އެމަނިކުފާނު ހާޒިރު ވަޑައިގަތުމަށް އެންގެވި އިރު ކޮމިޝަނުންގެ މެންބަރުން ތިއްބަވަން ޖެހޭނެ ކަމަށް. ކޮމިޝަނުގައި މިވަގުތު ތިއްބެވީ އެތަނުގެ މެންބަރު ޖީހާން އާއި ލީގަލް ޓީމް. ޖީހާން ވިދާޅުވީ މެންބަރުން މިއަދު ރަށުން ބޭރަށް ވަޑައިގެންނެވީ ކުއްލި ބައްދަލުވުމެއް ދިމާވެގެން ކަމަށް.
    15:16

    އެ ސރަހައްދުގައި ވަރަށް ގިނަ މީހުން ވެސް ވަނީ އެއްވެފައި. މިވަގުތު ރައީސް ނަޝީދުގެ ގާނޫނީ ޓީމާއި ކޮމިޝަންގެ ގާނޫނީ ޓީމް ގެންދަނީ މަޝްވަރާތައް ކުރަމުން. ރައީސް ނަޝީދުވެސް އެބަހުންނެވި.
    15:13ހިއުމަން ރައިޓްސް ކޮމިޝަން ކައިރިން

    ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ކޮމިޝަންގެ ރައީސާ ނެތުމުން އެމަނިކުފާނު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ލީގަލް ޓީމާ މަޝްވަރާ ކުރެއްވުމަށް ކަމަށް ނަމަވެސް މިވަގުތު ރައީސް ނަޝީދު ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންނާއެކު ގެންދަވަނީ މަޝްވަރާކެއް ކުރައްވަމުން.
    15:11ހިއުމަން ރައިޓްސް ކޮމިޝަން ކައިރިން

    ރައީސް މުހައްމަދު ނަޝީދު ދާދި ދެންމެއަކު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރުވެ ވަޑައިގެންފައު. ނަމަވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކޮމިޝަންގެ މެންބަރު ހުންނެވުމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކޮމިޝަނުން އެމަނިކުފާނާއެކު ކުރައްވަން ބޭނުންފުޅުވާ އެއްވެސް ކަމެއް ކުރިޔަށް ގެންދެވޭނީ ކޮމިޝަންގެ ރައިސާ ހުންނަވައިގެން ކަމަށް.