20:15


އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޢައްޔަން ކުރެއްވުމަށްޓަކައި އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.


އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން މިހާރު ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައެވެ.


އުއްތަމަ ފަނޑިޔާރެއްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅެއްގެ ނަން މި ހުށަހެޅުއްވީ، ޤާނޫނު އަސާސީގެ 147 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި އުއްތަމަ ފަނޑިޔާރަކު ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ އާއި، އަދި ޤާނޫނު އަސާސީއަށް ޢަމަލުކުރާން ފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ޤާނޫނު އަސާސީގައިވާ ގޮތަށް މަޤާމްތަކަށް މީހުން ޢައްޔަންކޮށް ނިންމާންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، ޤާނޫނު އަސާސީގެ 147 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އުއްތަމަ ފަނޑިޔާރު ޢައްޔަންކުރެއްވުމަށްޓަކައި، އެ މާއްދާގައިވާ ގޮތުގެ މަތީން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާ ހޯއްދެވުމަށްފަހުގަ އެވެ.


އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިނަކީ، މީގެ ކުރިން މަދަނީ ކޯޓުގެ ޤާޒީކަމާއި، ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން، އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި އެ ނަންފުޅު ވަރަށް އަވަހަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.