އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބުރައީސް ފައިޞަލް ނަސީމް ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ، "ޕުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އ.ދ.ގެ އާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަގުރީރު ކުރައްވާފައެވެ.

މި ބަހުސްގައި ތަގުރީރުކުރައްވަމުން ނައިބު ރައީސްވަނީ ކޮވިޑު-19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމާއި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަަދު ޞާލިޙުގެ ސަރުކާރުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން އެ ހާލަތުން އަރައިގަތުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް ވިދާޅުވެފައެވެ.

މި ބަހުސް އިންތިޒާމުކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުއިއްޔާ (ޔޫއެންޑަބްލިއުޓީއޯ)އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ޢަބްދުﷲ ޝާހިދުއާ އަދި އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ވެސް ބައްދަލުކުރައްވާފައެވެ.