ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި މީހުންނަށް ގުޅައިގެން މަކަރާއި ހީލަތުން ބޮޑެތި އަދަތުތަކުން ފައިސާ ހޯދަމުން އަންނާތީ އެކަމަށް ސަމާލުވެ، ތިބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ އެގޮތަށް ގުޅައި، އެ މީހަކަށް މިހާރު ޕޮއިންޓު ލިބިފައިވާވަރު ބުނެދޭ ކަމަށެވެ. އަދި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާ ކަމާއި، އެހެންކަމުން އަލުން ރިވިއު ކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށްބުނެ އީ-މެއިލް އެޑްރެސް ހޯދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އީ-މެއިލް އެޑްރެސް ދިނުމުން އެ އީ-މެއިލަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވައެވެ. އަދި އެ ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީ-މެއިލަށް ވަނުމަށް ބޭނުންވާ ކަމަށް ބުނެއެވެ. މީގެ އީ-މެއިލަށް ވަނުމަށް އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސް އަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށްކަމަށް ބުނެ އީ-މެއިލްއަށް އެކްސެސް ހޯދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެއަށްފަހު އެ އީ-މެއިލް މެދުވެރިކޮށް، އިންޓަނެޓު ބެންކިންއަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެ މީހުންގެ އެކައުންޓަށް ފޮނުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުން އަންނަ މިފަދަ ކަންކަމުން ސަލާމަތްވެ، ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.