މާލޭގައި ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލުމުން އަލުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހައްޔަރު ކުރީ ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް، 41، އެވެ.

ފުލުހުން ބުނީ ބިޝާރު ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު 15:33ހާއިރު ގއ. ކޮލަމާފުށިން ކަމަށެވެ.

އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހާވާލުކުރުމަށް ޓަކައި ކުރާންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުޙައްމަދު ބިޝާރު އިސްމާޢީލްއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޖަނަވަރީ 19، 2020 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ކަމަށެވެ.

ހަމައެހެންމެ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން، އެ ކޯޓުން ވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ހުކުމް ކުރި ކަމަށް ފުލުހުން ބުންޏެވެ.

އެހެނަސް ބިޝާރުގެ ފަރާތުން ބަންދު މުރާޖަޢާކޮށްދިނުމަށް ކޯޓުގައި އެދުމުން އޭނާ ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.

ބިޝާރު ހޯދުމަށް ފުލުހުން މިއަދުގެ ވަގުތެއްގައި އިއުލާން ވެސް ކުރިއެވެ.