އީޔޫއިން ނެރެފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަމަށް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

އީޔޫއިން އިއްޔެ އާއްމުކުރި ބަޔާނާ ގުޅެގޮތުން ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އައްބާސް ވިދާޅުވީ ރާއްޖޭގޭ ދާހިލީ ކަންކަން ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅުތައް މިހާރުވެސް އަޅަމުން ގެންދާ ކަމަށާއި އީޔޫން ފާހަގަކޮށްފައިވާ ގޮތަށް ރާއްޖެއަށް ސިޔާސީ ހަމަޖެހުންގެނެސް އޯލްޕާޓީ ޓޯކްސް މަޝްވަރާތައް ފަށައި ޕާޓިތަކުން އެއްބަސްވާ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރު ތައްޔާރަށް އޮތްކަމަށެވެ.

"އީޔޫ އަށް ވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ދާހިލީ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަމުން އަންނަ ކަމަށް. އެބޭފުޅުން އަޅުގަނޑުމެންގެ މަސައްކަތްތަކަށް ދެއްވާ އެއްބާރުމަށް ވަރަށް ބޮޑަށް ސަރުކާރުން ތަރުހީބުދެން އަދި އެކަމަށް މަރުހަބާ ވެސް ކިޔަން،" ތަރުޖަމާނު ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވުމުގެ މުހިންމުކަމުގެ ވާހަކަތައް އީޔޫއިން ފާހަގަކުރުމާއެކު އީޔޫގެ ބޭފުޅުންނާއެކު އެކަމާ މަޝްވަރާކޮށްފައިވާ ކަމަށާއި އަވަސް އިންތިހާބެއް ބާއްވާނަމަ ރައްޖޭގެ ގާނޫނު ތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރަން ސަރުކާރުން އަބަދުވެސް ބާރު އަޅުއްވާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.

އައްބާސް ވިދާޅުވީ ސުލްހައިގެ ވާހަކަތައް ހުއްޓިފައިވަނީ އެމްޑީޕީގެ އަމަލްތައް ހުރިގޮތުގެ ސަބަބުން ކަމަށާއި ސަރުކާރުން ހުރިހާ ޕާޓީތައް އެއް މޭޒެއްގެ ދޮށަށް ގެންދިއުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޕާލިމެންޓްގުރޫޕްގެ ރައީސް ހިންނަވަރު ދައިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް މަޝްވަރާއަށް އިސްކަން ދޭ ޕާޓީއެއް ކަމަށާއި މަޝްވަރާ ކޮށްގެން ކަންތައް ތައްހައްލުކުރުމުގެ ގާބިލްކަން އެމްޑީޕީއަށް ލިބިގެންވާ ކަމަށެވެ.

އީޔޫގެ ހައި ރެޕްރެޒެންޓިވް ކެތަރިން އެޝްޓަން އިއްޔެ ނެރުއްވި ބަޔާނުގައި ބުނެފައިވަނި ވަނީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސް ޑިމޮކްރެޓިކް އިންތިހާބަކާމެދު އެއްބަސް ވެވޭނެ ގޮތެއް ވަރަށް އަވަހަށް ހޯދުން މުހިއްމު ކަމަށާއި އެފަދަ މަސައްކަތަކަށް އެހީތެރިވާން އީޔޫއިން ތައްޔާރަށް އޮތް ކަމަށެވެ.

އަދި ވިދާޅުވެފައި ވަނީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ، މައްސަލަ ގޯސްވާނެ ފަދަ އެއްވެސް ކަމަކުން ދުރުހެލިވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އިޔޫގެ ބަޔާނުގައި ބުނެފައިވަނީ އަވަސް އިންތިހާބެއް ބޭއްވުމާއި ފެބްރުއަރީ ހަތްވަނަ ދުވަހު ބާރުތައް ބަދަލުވި ގޮތް ތަހުގީގުކުރުމާއި ސަރުކާރު ރަނގަޅަށް ހިނގާނެ ގޮތް ހެދުން މިހާރު ކުރިއަށް ވުރެ މުހިއްމުވެފައިވާ ކަމަށެވެ.