11 May 2022, 13:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ހދ. ވައިކަރަދޫ، ގްރީންވިލާ މުޙައްމަދު ނިޔާޒް މިއަދު އައްޔަން ކުރައްވައިފިއެވެ.
ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވީ އެ ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން, އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ހައިކޯޓުގެ ފަރާތުން މީގެ ކުރިން ޖޭއެސްސީގައި އިންނެވީ ފަނޑިޔާރު ޢަލީ ސަމީރުއެވެ. ނަމަވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހު ސަމީރު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒު މަތީ ތަޢުލީމު ހާސިލުކުރެއްވީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އޭނާ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.