21 Mar 2012, 11:48
ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ޑޭވިޑް ބެކަމް ދަމަހައްޓަމުން އައި އެންމެ ގިނަ އާމްދަނީލިބޭ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލަޔޮނަލް މެސީ ހޯދައިފި އެވެ.
މުސާރަ އާއި ސްޕޮންސާޝިޕް އަދި އިމޭޖް ރައިޓާއި ބޯނަސްއިން މެސީ އަށް އަހަރަކު 27.4 މިލިއަން ޕައުންޑް ލިބޭ ކަމަށް ފްރާންސް ފުޓްބޯޅަ މެގަޒިންގެ ސާވޭއިން ދައްކަ އެވެ. އަހަރަކު 13 މިލިއަން މުސާރައިގެ ގޮތުގައި ލިބޭއިރު މި އަދަދަު އިތުކޮށްދޭ އެންމެ ބޮޑު ކަމަކީ އެޑިޑާސް އާއި ޕެޕްސީގެ އިސްތިހާރުތަކެވެ.
އޭނާއާ އެންމެ ގާތުން ވާދަކުރާ ބެކަމްގެ އަހަރީ އާމްދަނީ އަކީ 26.2 މިލިއަން ޕައުންޑެވެ. އެމެރިކާގެ އެލްއޭ ގެލެކްސީގެ 36 އަހަރުގެ ކުޅުންތެރިޔާގެ ފަހަތުން ތިން ވަނަ ލިބެނީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މި ލިސްޓުން ދެން ފާހަގަ ކުރެވެނީ ވޭން ރޫނީ އެވެ. އޭނާގެ ނަން ފަސް ވަނަ އަށް ވެއްޓުނު މައިގަނޑު ސަބަބަކީ އަހުލާގީ މައްސަލަތަކާހެދި ކޮކާކޯލާ ފަދަ ކުންފުނިތަކުން ރޫނީ ލައްވައި އިސްތިހާރު ކުރުން މެދުކަނޑާލުމުންނެވެ.
ދުނިޔޭގެ އެންމެ ގިނަ އާމްދަނީ ލިބޭ ކޯޗަކީ ރެއާލް މެޑްރިޑުގެ ހޯސޭ މޮރީޯނިއޯ އެވެ. ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ފުރަތަމަ ފަހަރަށް ހޯދި މޮރީނިއޯގެ އަހަރީ އާމްދަނީ އަކީ 12.3 މިލިއަން ޕައުންޑެވެ. މިއީ މެސީގެ މުސާރަ އަށް ވުރެ މަދު އަދަދެކެވެ. ދެވަނަ އަށް އެންމެ ގިނަ އާމްދަނީ ލިބެނީ ޕީއެސްޖީގެ ކޯޗު ކާލޯ އެންޗެލޮއްޓީ އަށެވެ. އޭނާ އަށް 11 މިލިއަން ލިބޭއިރު ތިން ވަނާގައި އުޅޭ ގާޑިއޯލާ އަށް ލިބެނީ 7 މިލިއަން ޕައުންޑެވެ.
ދުނިޔޭގެ އެންމެ ގިނަ އާމްދަނީ ލިބޭ ކުޅުންތެރިންގެ އާމްދަނީ މިލިއަން ޕައުންޑުން:
1- ލަޔޮނަލް މެސީ: 27.4
2- ޑޭވިޑް ބެކަމް،: 26.2
3- ކްރިސްޓިއާނޯ ރޮނާލްޑޯ: 24.3
4- ސެމިއުލް އެޓޫ: 19.4
5- ވޭން ރޫނީ: 17.2
6- ސާޖިއޯ އަގުއެރޯ: 15.7
7- ޔާޔާ ޓޯރޭ: 14.7
8- ފެނާންޑޯ ޓޮރޭޒް: 13.9
9- ކަކާ: 12.9
10- ޕިލިޕް ލާމް: 11.9