މަސްތުވާތަކެއްޗާއެކު އދ. އަތޮޅުގެ ރިސޯޓަކުން ތިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އދ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ މައުލޫމާތު ފުލުުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން، ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފެންފުށީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން އެ އޮޕަރޭޝަން ހިންގާފައި ވަނީ މިއަދުއެވެ.

އެ އޮޕަރޭޝަންގައި ރިސޯޓު ބަނދަރުމަތިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 90 ސެލޯފިންކޮޅާއި، ބަނގުރާ ފުޅިއަކާއި، ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މާމިގިިލީ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.