"ގޭގައި މަޑު ކުރޭ، މިއަދު ދާނަން ހަތަރެއް ޖެހުމުގެ މާކުރިން ވެސް" ސަރުކާރުގެ ބިޔަ އޮފީސް އިމާރާތް، ވެލާނާގެއަށް އަށް ވަންނަން ދިޔަ ސިވިލް ސާވިސް މުވައްޒަފަކު ފޯނަށް ޖަވާބު ދެމުން ބުނެލި އެވެ.

ސވިލް ސާވި ކޮމިޝަނާ ސިވިލް ސާވަންޓް އެސޯސިއޭޝަނާއި އެހެންވެސް ފަރާތްތަކާއެކު މަޝްވަރާތައް ކުރުމަށްފަހު ރަސްމީ ގަޑިއަށް ގެނައި ބަދަލާއެކު މިއަދު ހެނދު އޮފީހަށް ނުކުތް ސިވިލް ސާވިސް މުވައްޒަފެއްގެ މޫނުމަތިން ފެނުނީ ހިތް ހަމަޖެހިފައިވާ ތަނެވެ. ގިނަ މީހުންވަނީ އޮފީހަށް ނުކުތުމުގެ ކުރިން އޮފީހުގައި ހޭދަކުރަމުން ދިޔަ ވަގުތުން ކެނޑިގެން ދިޔަ ވަގުތު އެހެން މަސައްކަތަކަށް ތާވަލުކޮށްފަ އެވެ.

"ދެން ހަވީރު ގަޑީގައި ކުޅެލަން ނޫނީ ޖިމަށް ޖައްސާލެވޭނެ، މި ބަދަލަކީ ދިރިއުޅުމަށް އައި ހަމަޖެހުމެއް،" އިމިގްރޭޝަންގެ މުވައްޒަފަކު މިއަދު ބުންޏެވެ.

މިއަދުން ފެށިގެން ސިވިލް ސާވީސް މުވައްޒަފުންގެ ރަސްމީ ގަޑި އަކީ ހެނދު 8:00 ފެށިގެން މެންދުރު ފަހު 3:00 ކަމުގައި ސަރުކާރުން އިއްޔެ ވަނީ ހަމަޖައްސަވާފަ އެވެ. ރަސްމީ ގަޑިއަށް ގެނައި ބަދަލާއެކު ކުރިން ސަރުކާރުގެ މުއައްޒަފުންނަށް ލިބެމުން އައި އެއްގަޑިއިރުގެ ބްރޭކް މިހާރު ނުލިބުނު ނަމަވެސް މެންދުރު ކެއުމަށް 30 މިނިޓްގެ ހުސްވަގުތު ކޮޅެއް ލިބެ އެވެ. އަދި މުވައްޒަފުން މެންދުރު ނަމާދު ކުރުމަށް މެންދުރު ނަމާދުގެ ވަގުތު ފާއިތުވުމުގެ ކުރިން 15 މިނިޓްގެ ހުސްވަގުތު ކޮޅެއް ލިބެ އެވެ. މެންދުރު 3:00 ޖަހާއިރު އޮފީސް ނިމެ އެވެ. އެހެން ކަމުން ކުރިޔާ ހިލާފަށް އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް މުވައްޒަފުންނަށް ވަނީ ފުރުސަތެއް ލިބިފަ އެވެ.

"ކުރިން އޮފީހުން ގޮސް ޖައްސާލެވެނީ ދެން ވަރުބަލިވެގެން ނިދާލވެނީ ހޭލާއިރު ކުދިންނާއި އަންހެނުން ތިބމެނީ ނިދާފައި ދެން ނޯވޭ އާއިލާއާއެކު ހޭދަކުރާނެ ވަގުތެއް ވެސް އިތުރު ކަމެއް ކުރާނެ ވަގުތެއް ވެސް. މިއަދު އޮފީސް ނިންމާލާފައި ނިކުމެ ފެންވަރާލައިގެން ނަމާދުކޮށް ނިމޭއިރު އަދި ހަތަރެއް ޖަހާނީ. އެހެންވީމަ ވަރަށް ސަޅި މިހާރު،" ހެނދު ވެލާނޭގޭ އޮފީސް ކައިރީގައި މަޑުކޮށްލައިގެން ހުރި މުވައްޒަފަކު ބުންޏެވެ.

ބައެއް މީހުން ބުނާ ގޮތުގައި ކުރިން ގަޑި އޮތް ގޮތުގެ ސަބަބުން އެންމެ ބޮޑު ބުރުލެއް އެރީ އާއިލާތައް ފަށައިގެން އުޅޭ މުވައްޒަފުންނަށެވެ. އެއީ އާއިލާއަށް ވަގުތު ނުދެވުމުގެ މައްސަލަ އެވެ. އާ ސަރުކާރުން ގެނައި ބަދަލާއެކު އެކަމަށް މިންވަރެއްގެ ހައްލެއް އަންނާނެ އެވެ.

ގަޑިއަށް އައި ބަދަލާއެކު މިއަދު ފެނުނު މަންޒަރަށް ބަލާއިރު ސަރުކާރު މުވައްޒަފުންގެ މޫނުމަތިން ފެނުނީ ގަޑީގެ ބަދަލު މުވައްޒަފުން ބަލައިގެންފައިވާ ކަމެވެ. މޫނުމަތިން އެކަން ފާޅުކޮށްދެ އެވެ.

ސަރުކާރުގެ ރަސްމީގަޑި ބަދަލުކުރުމުން ކިޔަވަމުން ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ފަސޭހަވެ ކުޅިވަރަށާއި ކަސްރަތާއި ސިއްހީ ހަރަކާތްތަކުގައި އިތުރަށް ބައިވެރިވެވުމުގެ މަގު ފަހިވާނެ ކަމަށް ގިނަ އާންމުން ގަބޫލުކުރެ އެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވެސް ވަނީ މުވައްޒަފުންނަށް އިތުރު ވަޒީފާތައް އަދާ ކުރެވި ކިޔެވުމަށް މަގު ފަހުވެ އެހެނިހެން ކަންކަމުގައި މި ބަދަލާއެކު ސާމލުވުމުގެ މަގެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ގަޑި ބަދަލު ކުރުމުގެ ކުރުން ސަރުކާރުން ބުނެފައި ވަނީ ބޭނުން ވަނީ މަސައްކަތުގެ ވަގުތު މަދުކޮށް ހަރަދު ކުޑަކުރުމަކާއެކު ފުރިހަމަ އަދި ރަނަގު ހިދުމަތް ދިނުން ކަމަށެވެ. އެހެން ކަމުން މުވައްޒަފުންނަށް ލިބުނު ހިތްހަމަ ޖެހުމާއެކު އެކަން ވެސް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

ގަޑީގެ ބަދަލާއެކު އަދި މާ ބޮޑު ހިތްހަމަޖެހުމެއް ނެތް މީހުން ވެސް އެބަތިއްބެވެ. އެމީހުން ބުނަނީ "ރަނގަޅު ބަދަލެއްކަން އެނގޭނީ ދުވަސް ކޮޅެއް ވީމާ" ކަމަށެވެ.

"އެދި ނޭނގޭނެ، މިއަދު ނިމުނީމަ ދުވަސްދާ ގޮތަކުން އިނގޭނީ. އަހަރަމެނަށް އޯކޭ ބާރާބަރަށް ހިދުމަތް ލިބެނިކޮށް." އައިޑީ ކާޑުގެ ހިދުމަތް ހޯދުމަށް މިއަދު ހެނދުނު ދިޔަ މީހަކު ބުނެލި އެވެ.