21 Mar 2012, 11:50
އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ 25 ޑޮލަރުގެ ފައިސާ ކޮންސެޝަންފީ އިން ޖީއެމްއާރަށް އުނިކުރެވިގެން ނުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެމްޑީ މުހަންމަދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުން ފުރާ މީހުންގެ އަތުން އޭޑީސީގެ 25 ޑޮލަރު ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެފައިސާ ނުނެގޭތީ ކުރީގެ ސަރުކާރުން އެއްބަސްވީ ޖީއެމްއާރުން ހުށަހެޅިގޮތަށް އެ ފައިސާ ކޮންސެޝަންފީން އުނިކުރާ ގޮތަށެވެ.
އޭރުވެސް އެމްއޭސީއެލްގެ އެމްޑީއަކަށް ހުންނެވި މުހަންމަދު އިބްރާހިމް މިއަދު ވިދާޅުވީ އެއާޕޯޓު ބޭރުބަޔަކަށް ކުއްޔަށްދެނީ ރަނގަޅު އިންފްރާސްޓްރަކްޗާއެއް ގާއިމްކޮށް ސަރުކާރަށް ލިބޭ ނަފާ އިތުރުކުރުމަށް ކަމަށާއި އެތަނަށް އިންވެސްޓް ކުރާ ހަރަދު ސަރުކާރަށް ދޭ އެއްޗަކުން އުނިކުރާނަމަ އެއީ އޭނާއަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ސިވިލްކޯޓުން ކުރި އަމުރާ ގުޅިގެން އެ ފައިސާ ނުނެގޭތީ އެއާޕޯޓްސް ކޮމްޕެނީއަށް ލިބެން އޮންނަ ކޮންސެޝަންފީގެ ތެރެއިން ކަޑަން އެ ބުނެފަ އޮންނަ ގޮތް ގަބޫލުކުރުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫން،" މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވީ އެއާޕޯޓް ދިގުމުއްދަތަކަށް ކުއްޔަށް ދެނީ ސަރުކާރަށް ރަނގަޅު ނަފާއެއް ހޯދަން ކަމަށާއި ނަމަވެސް ސަރުކާރަށް ދައްކާ އެއްޗަކުން އެއާޕޯޓް ހިންގާ ކުންފުނިން އެއާޕޯޓަށް ކުރާ އިންވެސްޓްމަންޓްގެ ފައިސާ އުނިކުރާ ނަމަ އެއާޕޯޓް ކުއްޔަށް ދިނުމުގެ މަގުސަދު ހާސިލްނުވާނެ ކަމަށެވެ.
"އެއާޕޯޓް ކަހަލަ ތަނެއް ދިގު މުއްދަތަކަށް ދޭނެ ކަމެއް އޮންނާނީ ދެ ސަބަބެއް، އެއް ސަބަބަކީ އަޅުގަނޑުމެން އަތުގައި އިންވެސްޓް ކުރާނެ ފައިސާ ނެތިގެން ރަނގަޅު އެއާޕޯޓް އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރުން. ދެން ސަރުކާރެއް ރަނގަޅު ނަފާއެއް ހޯދުން. އެ ދެކަން ހާސިލް ވާންވާނޭ މިތަން ކުއްޔަށް ދެންޏާ. އޭގެން ނަފާއެއް ލިބެންޖެހޭނޭ. އެކަމަކު އެއާޕޯޓަށް ކުރާ އިންވެސްޓްމަންޓް ސަރުކާރަށް ލިބެންޖެހޭ އެއްޗަކުން ކަޑަންޏާ އެ މަގުސަދެއް ހާސިލެއް ނުވާނެ،" މުހަންމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 25 ޑޮލަރު ނެގުމާއި ދެކޮޅު ނޫންކަމަށާއި ނަމަވެސް އެ ފައިސާ ވެސް ނަގަން ޖެހޭނީ އިންވެސްޓްމަންޓަށް ހަރަދުވާ ފައިސާ ބަލައި ރަނގަޅަށް ހިސާބު ކުރުމަށް ފަހު ކަމަށެވެ.
"އުސޫލެއްގެ ގޮތުން އެއީ އެއްވެސް މައްސަލައެއް ނޫން. އެއްޗެއް ނެގުން. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އޭޑީސީ ނަގާ. އެކަމަކު އެ ޑިވަލޮޕްމަންޓުގެ ކުރިން ނެގިއަސް އަދި ފަހުން ނެގިޔަސް އެ ރަނގަޅަށް ހިސާބުކުރެވިގެން ނެގެން ޖެހޭނީ،" މުހަންމަދު ވިދާޅުވި އެވެ.
ކޮންސެޝަންފީއަކީ ތިން މަހުން އެއް މަހުއާއި އަހަރަކު އެއްފަހަރު ދައްކާ ފައިސާ އެކެވެ. ކޮންސެޝަންފީގައި ހިމެނެނީ ތިން ބާވަތެކެވެ. އެއީ އަހަރަކު އެއް ފަހަރު ދައްކަންޖެހޭ 1.5 މިލިއަން ޑޮލަރާއި ތެލުންނާއި އެހެނިހެން ހިދުމަތްތަކުން ލިބޭ އާމްދަނީން ތިން މަހުން އެއްމަހު ސަރުކާރަށްދައްކާ ވެރިއަބުލް ކޮންސެޝަން ފީ އެވެ.
ކުރީގެ ސަރުކާރުން އެއްބަސްވެފައިވަނީ ވެރިއެބުލް ކޮންސެޝަންފީގެ އެހެނިހެން އާމްދަނީގެ ބައިން އިންޝުއަރެންސަށް ނަގާ ތިންޑޮލަރާއި އަދި 25ޑޮލަރުގެ އާމްދަނީ އުނިކުރާގޮތަށެވެ.
ފިނޭންސްމިނިސްޓްރީން މީގެ ކުރިން ލަފާކޮށްފައިވަނީ 25ޑޮލަރުގެ ފައިސާ ޖީއެމްއާރުން އުނިކުރާތީ ސަރުކާރަށް މަހެއްގެ މައްޗަށް ތިން މިލިއަނެއްހާ ޑޮލަރުގެ ގެއްލުންވާނެ ކަމަށެވެ.
މުހަންމަދު އިބްރާހިމް ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވެއްޖެނަމަ 25 ޑޮލަރުގެ ފައިސާ ކޮންސެޝަންފީއިން ކަޑައިފިނަމަ އެ ކުންފުންޏަށް އެއްވެސް އެއްޗެއް ނުލިބުމުގެ ބިރުއެބައޮތް ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޯޑުގައި މީގައި ކުރީގައި އެކަމަށް މަޝްވަރާއެއް ނުކުރެވި އޮތީ. ދެން އަނެއްކާ މިހާރު ބޯޑުގެ މެންބަރުން ހަމަނުވާތީ އެކަމާ މަޝްވަރާއެއް ނުކުރެވޭނެ. އަދި އެކަމުގެ މި ކުންފުންޏައްވެސް ގޮތެއް ނުނިންމި އޮތީ. މިއީ ކުންފުންޏަށް ވެސް ވަރަށް ބޮޑު ގެއްލުމެއް،" މުހަންމަދު ވިދާޅުވި އެވެ.
މިއަހަރު ސަރުކާރަށް އެއާޕޯޓުން 33 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރާ އިރު ޖީއެމްއާރުން ލަފާކޮށްފައި ވަނީ އެއާޕޯޓް ބޭނުންކުރާ ނުވަ ލައްކަ މީހުންގެ އަތުން މަހަކު ދެ މިލިއަނެއްހާ ޑޮލަރު ލިބޭނެ ކަމަށެވެ. އެއީ އަހަރެއްގެ މައްޗަށް 24 މިލިއަން ޑޮލަރު ޖެހޭ ވަރުގެ އަދަދެކެވެ.