10 May 2022, 19:42
ހަ ކުދިންނާ ބެހުނު ކަމުގެ ތުހުމަތުކުރެވޭ މީހާ ޝަރުތުތަކެއްކޮށް ދޫކޮށްލާފައިވަނިކޮށް އަލުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މާޗް މަހު ތެރޭގައެވެ. އޭނާގެ ބަންދަށް އޭރު 30 ދުވަސް ކްރިމިނަލް ކޯޓުން ދިން ނަމަވެސް އިއްޔެ ވަނީ ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުން ޝަރުތުތަކެއް ކުރުމަށްފަހު އޭނާ ދޫކޮށްލި ނަމަވެސް މިއަދު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ, މާލެ ސަރަހައްދުގައި ކުޑަކުދިންތަކަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 55 އަހަރުގެ މީހާ ދޫކޮށްލާފައިވަނިކޮށް, ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ އަލުން ހައްޔަރުކޮށްފައިމިވަނީ, އިއްޔެ ކޯޓުން އޭނާ ދޫކޮށްލުމުން ރާއްޖެ ދޫކޮށް ފިލަން މަސައްކަތް ކުރާ ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނިކޮށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފައެވެ. އެކަހަލަ މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު, ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރު ނުކުރުމުގެ ޝަކުވާތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.