21 Mar 2012, 11:34
މާލޭގައި ފުރަތަމަ ފަހަރަށް އޭ.އެފްސީ ކަޕުގެ މެޗެއް ބޮކި އަލީގައި ކުޅެން ނިންމައިފި އެވެ.
ރާއްޖޭގެ ލީގް ޗެމްޕިއަން ވީބީ އައްޑޫ އެފްސީ އާއި ކުވޭތުގެ ޗެމްޕިއަން ކުވޭތު އެފްސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
މި މުބާރާތް ކުޅެން 2004 ވަނަ އަހަރު ފެށި ފަހުން މާލޭގައި ފުރަތަމަ ފަހަރަށް ރޭގަނޑު ކުޅެން ވީބީން ނިންމީ ދުވާލު ގަޑީގައި ކުޅެން ޖެހުމުން ކުޅުންތެރިންނަށް ލޮޑުކަމާއި ވަރުބަލިކަން މާބޮޑަށް އިހުސާސްން ކުރަން ޖެހޭތީ އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ މި ދެ ޓީމުގެ މެޗަށް ނުކުންނައިރު ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ އޭނާގެ ޓީމުން ފަރުވާ ބަހައްޓައިގެން ކުޅެފިނަމަ އަމިއްލަ ދަނޑުން މިރޭ ފައިބާނީ މަދުވެގެން ޕޮއިންޓަކާއެކުގައި ކަމަށެވެ.
"އަހަރުމެންގެ ނަތީޖާ ގޯހެއްނޫން ފުރަތަމަ މެޗުގައި. މިއީ މާލޭގައި ކުޅެން ޖެހޭ މެޗުކަމުން މިސްޓޭކް ނުހަދައި ކުޅެފިނަމަ އަހަރުމެންނަށް މޮޅުވުމުގެ ފުރުސަތުވެސް އެބައޮތް،" ފާއިތުވެދިޔަ ދެ އަހަރު ވެސް ވީބީގައި ހުރި ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު ކުވޭތު އެފްސީގެ ކޯޗު ރަޖަން ތަލަޖިކް ބުނީ އޭނާގެ ކުޅުންތެރިން ތިބީ މެޗުން މޮޅުވުމުގެ ރޫހުގައި ކަމަށާއި ފުރަތަމަ މެޗުގައި 5-1ގެ ބޮޑުތަފާތަކުން ސައޫދީ އަރަބިއާގެ އިއްތިފާގް އަތުން ބަލިވި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ.
އޭނާ އަދި ބުނީ ވީބީގެ ފެންވަރު ރަނގަޅަށް އެނގިފައި ނުވި ނަމަވެސް އޭނާ ގަބޫލުކުރަނީ މި ދެ ޓީމަކީ ވެސް ވަރަށް ހަމަހަމަ ދެ ޓީމަށް ވާނެ ކަމަށެވެ.
މިރޭގެ މެޗަކީ ވީބީގެ ވީބީ އައްޑޫ އެފް.ސީ އަށް ބަދަލު ކުރުމަށް ފަހު އެ ޓީމު މާލޭގައި ކުޅޭ ފުރަތަމަ މެޗެވެ. އަދި މި އަހަރު އަލަށް ވީބީ އާ ގުޅުނު ނިއުގެ ސޮބާހް މުހައްމަދާއި މުހައްމަދު ޖަމީލް އަދި ލައިބީރިއާގެ ރައިޓް ޗާލްސް ގަޔޭ އާއި ގޯލް ކީޕަރު އަބުދުﷲ ޒިޔަޒަންގެ އިތުރުން އިބްރާހީމް ޝިޔާމް (ކުޑަތޮއްޑޫ) ވެސް ވީބީގެ ޖާޒީގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭނެ ފުރަތަމަ މެޗެވެ.