އިންޑިއާގެ މަހަރާޝްތުރާގެ ނާސިކުގައި ބަހަކާއި ޓްރަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން ބަހުގައި އަލިފާން ރޯވެ، 43 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިހު ފަހެއް ޖެހިއިރު ހިނގި މި ހާދިސާގައި 12 މީހުން ވަނީ މަރުވެފައެވެ.

މަހަރާޝްތުރާގެ ފުލުހުން ބުނި ގޮތުގައި އެ ހައިވޭ އޮންނަ ސަރަހައްދުގައި ދިރިއުޅޭ ބައެއް އާންމުން އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އެހީތެރިވާން އުޅުނު ކަމަށާއި ނަމަވެސް ބަހުގައި އަލިފާން ރޯވެފައި ހުރުމުގެ ސަބަބުން އެހީތެރިވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

މަހަރާޝްތުރާ ސްޓޭޓްގެ އިސް އޮފިޝަލެއް ކަމުގައިވާ އެކްނާތު ޝިންޑޭ ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ވަނީ މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

"މި ހާދިސާގައި މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ކިޔަން،" މޯދީ ވިދާޅުވި އެވެ.

މީގެއިތުރުން މޯދީ ވިދާޅުވީ، ހާދިސާގެ ސަބަބުން ގެއްލުންވި އެންމެންނަށް ލޯކަލް ގަވަމެންޓުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ނާސިކަކީ މަހަރާޝްތުރާ ސްޓޭޓްގެ ވެރިރަށް މުމްބާއި އާ 200 ކިލޯމީޓަރު އިރުއުތުރުގައި އޮންނަ ސިޓީއެކެވެ.

އިންޑިއާގައި މިފަދަ އެކްސިޑެންޓުތަކުގައި ކޮންމެ ހަތަރު މިނެޓުން އެކަކު މަރުވާއިރު، އިންޑިއާގެ އިގުތިޞާދަށް ސިއްހީ ގޮތުންނާއި އާމްދަނީގެ ގޮތުން މިކަމުގެ ސަބަބުން 75 ބިލިއަން ޑޮލަރުގެ ގެއްލުންވެއެވެ.