21 Mar 2012, 11:11
ގްރަނާޑާ ކޮޅަށް ލަޔޮނަލް މެެސީ ހެދި ހެޓްރިކާއެކު ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޭނާ މުގުރާލައިފި އެވެ.
232 ގޯލާއެކު ކުރިން މި ރެކޯޑް އޮންނަނީ ސެޒާ ރޮގްރިގޭޒްގެ އަތުގަ އެވެ. އޭނާ އަކީ 1940 އާއި 1950ގައި ބާސެލޯނާ އަށް ކުޅުނު ކުޅުންތެރިއެކެވެ.
އުމުރުން އެންމެ 24 އަހަރުގައި މެސީ މި ރެކޯޑް މުގުރާލުމުން އޭނާގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެސީ އަކީ ބާސްކެޓް ކޯޓުގައި ވަރަށް ގިނަ ރެކޯޑްތަކެއް ގާއިމްކޮށްފައިވާ މައިކަލް ޖޯޑަން ފަދަ ކުޅުންތެރިއެއް ކަމަށެވެ.
"ވަރަށް މަދު މީހަކަށް މިގޮތަށް ޑޮމިނޭޓް ކުރެވޭނީ. އޭނާ މި އުމުރުގައި ރެކޯޑަކަށް ފަހު ރެކޯޑެއް ހޯދާނަމަ ފުޓްބޯޅައިގައި އެހެން މީހަކަށް ލިބޭނެ ރެކޯޑެއްް ނޯންނާނެ،" ގާޑިއޯލާ ބުންޏެވެ.
މެސީ ރެކޯޑް ހެދުމުން ބާސެލޯނާގެ ގޯލްކީޕަރު ވިކްޓަރ ވަލްޑޭޒް ބުނީ މެސީ އަކީ ޖާދޫގަރެއް ކަމަށެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ތިން އަހަރު ހޯދި މެސީ ބާސެލޯނާ އަށް ކުޅުނު ފުރަތަމަ ސީޒަނުގައި 2008 ވަނަ އަހަރު އޭނާ ޖެހީ 16 ގޯލެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 8 ހެޓްރިކާއެކު އޭނާ ވަނީ 54 ގޯލު ޖަހައިފަ އެވެ.
މެސީ ގޯލު ޖަހަމުން އައި ގޮތް:
2008: 16 ގޯލު
2009: 38 ގޯލު
2010: 47 ގޯލު
2011: 53 ގޯލު
2012: 54 ގޯލު