މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފާތިހު އެ ހަމަލާދިން އިރު ވެސް ހުރީ ފުލުހުންގެ ވަޒީފައިގައި ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ފުލުހުން އެކަން ދޮގުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މޭ ހަވަނަ ދުވަހުގެ މަލާ ދިން އިރުގައި ވެސް އަދި އެ ހަމަލާއާ ގުޅިގެން އޭނާ ހައްޔަރުކުރި އިރުގައިވެސް އޭނާ އަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ނޫންކަމަށެވެ.

ފުލުހުން ބުނީ އޭނާ އަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު މީހެއް ކަމަށެވެ. ނަމަވެސް އޭނާ އަމިއްލައަށް ވަޒީފާއިން ވަކިވީކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފާތިހު ފުލުހުންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުގައި ކަމަށެވެ. އަދި އޭނާ އެ ވަޒީފާއިން ވަކިވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ ތިން ވަނަ ދުވަހުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރައީސް ނަޝީދަށް ދިން ޓެރެރިޒަމްގެ އެ ހަމަލާއާ ގުޅިގެން ފާތިހު ހައްޔަރުކުރި ނަމަވެސް ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ބުނެ މިދިޔަ އަހަރުގެ ހައެއް އޮގަސްޓުގައި ފާތިހު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެނާ ބަންދުން ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ތަހުގީގު ކުރިއަށް ގެންދާނެކަމަށެވެ.

ދާދި ފަހަކުން ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ ޓްވިޓާ އެކައުންޓަކުން ފާތިހު ބަންދުން ދޫކޮށްލުމުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން އިރުގައި ވެސް ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައިކަމަށާއި، އެކަން ފުލުހުން ބަލަން ޖެހޭކަމަށް އެ އެކައުންޓުން ކުރި ޓްވީޓު ތަކުގައި ވެއެވެ.

އެ ހަމަލާއާ ގުޅިގެން ފާތިހުއަށް ވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ފަރާތްތަކަށް އެހީތެރިވެދިން ކަމުގެ ތުހުމަތު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ 19 ވަނަ ދުވަހު ބ. ދަރަވަންދޫއިންނެވެ.

ފާތިހަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާއަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާއެވެ.