09 May 2022, 20:44
އަވަށްޓެރި ސްރީ ލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ، ކާފިއު އިއުލާކުރުމާ ގުޅިގެން އެ ގައުމަށް ދަތުރުކުރާ ދިވެހީންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހީން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާމަށެވެ.
އަދި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ހައިކޮމިޝަނުގެ ހޮޓްލައިން ނަމްބަރު 0768816666 އަށް ގުޅުއްވުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ.
ސްރީލަންކާގައި ސަރުކާރާ ދެކޮޅު ފަރާތްތަކާއި ވެރިކަން ކުރާ އެސްއެލްޕީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހު އެންމެ ފުރަތަމަ ކާފިއު އިއުލާންކުރީ ކޮލަމްބޯ ދެކުނު، އުތުރު އަދި ސެންޓްރަލް ޕޮލިސް ސަރަހައްދުތަކުގައެވެ.
އެއަށްފަހު، ހުޅަނގު ޕްރޮވިންސަތަކަށް ކާފިއު އިތުރުކޮށް، މިހާރު ވަނީ މުޅި ލަންކާގައި ކާފިއު އިއުލާނު ކޮށްފައެވެ.
ލަންކާގެ މީޑިއާތަކުގައިވާ ގޮތުން އެގައުމުގެ ފުލުހުން ވަނީ ވަކި ގޮތެއް އަންގަންދެން ކާފިއު ދެމިގެންދާނެ ކަމަށް މިއަދު ބުނެފައެވެ.
މީގެއިތުރުން ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.