މާލޭގައި އުމުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ދެ އަހަރުވަންދެން އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ކުއްޖާގެ އާއިލާއިން "ސަން" އާ ވާހަކަދެއްކި މީހަކު ބުނީ އެކުއްޖާގެ އުމުރުން ނުވަ އަހަރުން ފެށިގެން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށެވެ.

"ފުރަތަމަ މި ކަންތައް ފެށުނީ ކުއްޖާގެ މަންމަ ކޮވިޑް ޖެހިގެން 29 ދުވަހަށް ކަރަންޓީނު ވާން ރިޒޯޓްގައި ހުއްޓާ. އާއިލާގެ އެއްވެސް މީހެއް އެވަގުތު މާލޭގައި ނެތީމަ ކުއްޖާ އޭނާއާ ހަވާލުކޮށްފަ ދިޔައީ،" އޭނާ ބުންޏެވެ.

އާއިލާއިން ބުނީ ކުއްޖާއަށް ބިރުދައްކާފައިވުމުގެ ސަބަބުން އެ ވާހަކަތައް މީހަކާ ހިއްސާކުރުމަށް ޖެހިލުންވެފައިވާ ކަމަށެވެ. އެކަން ފަޅާއެރީ ދެބެންގެ ދެ ދަރި ކުއްޖަކަށް އެ ކުއްޖާ އެ ވާހަކަ ކިޔައިދިނުމުން ކަމަށް އާއިލާއިން ބުންޏެވެ.

"ހުރިހާ ޑީޓެއިލްސްތަކެއް އޭނާ ކިޔާދިނީ މާމަމެން ގެއަށް ބަދަލުވެފަ. އެއީ އެގޭގައި ހުރެފިއްޔާ އޭނާއަށް އެޓޭކެއް އައިސްދާނެތީ އެނާ ބިރުގަނޭ،" އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.

އެހިސާބުން އެ މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މިހާތަނަށް އެ މީހާ ހައްޔަރުކޮށްފައިނުވާތީ އާއިލާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

"ދެރަކަމަކީ ކަންކުރި މީހާ އަދިވެސް މުޖުތަމައުއަށް ދޫކޮށްލާފައިވާކަން. އޭނާ ހައްޔަރެއްވެސް ނުކުރޭ އަދި ބަޔާނެއްވެސް ނުނަގާ. ކަންކުރި މީހާގެ ބަޔާން ނުނަގާ އަޅުގަނޑުމެންގެ ބަޔާން ކިތަންމެ ވަރަކަށް ނެގިއަކަސް އެއްވެސް ފައިދާއެއް ނުވާނެ ނޫންތޯ،" އޭނާ ބުންޏެވެ.

ޑޮކްޓަރުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ކުއްޖާގެ ޖިންސީ ގުނަވަނަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށް ވެސް އާއިލާއިން ބުންޏެވެ.

"ޓެސްޓުތަކުގެ ރިޕޯޓުގައިވަނީ ކުއްޖާގެ ޖިންސީ ގުނަވަން ވަރަށް ބޮޑަށް ހަލާކުވެފަ ވާކަމަށް. ޑޮކްޓަރުން ކުރެހުން ތަކުން ކުއްޖާއަށް ލިބިފަ ހުރި ގެއްލުންތައް ކިޔާދީފައިވޭ،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި އުމުރުން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.