ސްރީލަންކާގައި ސަރުކާރަށް ތާއިދު ކުރާ މީހުންނާއި އިދިކޮޅު މުޒާހަރާތަކުގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގުމުގެ ސަބަބުން އެގައުމުގައި މިއަދު ކާފިއު އިއުލާންކޮށްފިއެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކާއި ވެރިކަން ކުރާ އެސްއެލްޕީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހު އެންމެ ފުރަތަމަ ކާފިއު އިއުލާންކުރީ ކޮލަމްބޯ ދެކުނު، އުތުރު އަދި ސެންޓްރަލް ޕޮލިސް ސަރަހައްދުތަކުގައެވެ.

އެއަށްފަހު، ހުޅަނގު ޕްރޮވިންސަތަކަށް ކާފިއު އިތުރުކޮށް، މިހާރު ވަނީ މުޅި ލަންކާގައި ކާފިއު އިއުލާނު ކޮށްފައެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުން އެގައުމުގެ ފުލުހުން ވަނީ ވަކި ގޮތެއް އަންގަންދެން ކާފިއު ދެމިގެންދާނެ ކަމަށް މިއަދު ބުނެފައެވެ.

އެސްއެލްޕީޕީއަށް ތާއިދު ކުރާ މީހުންނާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމަށް ފަހު އެސްއެލްޕީޕީއަށް ތާއިދު ކުރާ މީހުން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ތިބި ދެ ސަަރަހައްދަކަށް ހަމަލާދީފައެވެ. އަދި އެ މުޒާހަރާތަކާ ގުޅުން ހުރި ގިނަ ސާމާނުތަކެއް އެމީހުން ވަނީ ހަލާކުކޮށްލާފައެވެ.

ކޮލޮމްބޯގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ތިބި ތަނަށް، އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ ވަޑައިގަތުމުން ބަޔަކު ވަނީ އޭނާއަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ޕްރޭމަދާސައާއި އޭނާގެ ބޮޑީގާޑުން ވަށާލައި، އެމީހުންނަށް ހަމަލާ ދޭން މަސައްކަތް ކުރާތަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.

އެއަށް ފަހު ޕްރޭމަދާސަ ކާރަށް އަރާވަޑައިގަތުމުން، ކާރަށް ހަމަލާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

އެ ހަމަނުޖެހުންތަކަށް ފަހު، ބޮޑުވަޒީރު މަހިންދަ މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ލަންކާގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށީ އެގައުމުގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަސާސީ ހިދުމަތްތަކާއި ކާބޯތަކެތި ލިބުން ދަތިވުމާ ގުޅިގެންނެވެ. އެ މުޒާހަރާތަކާ ގުޅިގެން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކުއްލި ހާލަތު އިއުލާންކޮށް، ފަސް ވަނަ ދުވަހު އެ ހާލަތު އުވާލިއެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު އެގައުމުގައި އަނެއްކާވެސް ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.