ބްރެޒިލުން ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80,000 ޑޯޒް ވެކްސިން ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވީ ބްރެޒިލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ސާޖިއޫ ލުއިޒް ކަނާއިސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަޤުވާނީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލަށް ލިބެމުން އަންނަ އެއްބާރުލުން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ބްރެޒިލްގެ އާ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ކޮވިޑާއި ވިޔަފާރިއާއި އިޤުތިސާދާއި، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ސަރުކާރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ރާއްޖޭގައި ނޫ އިޤުތިސާދުގެ ދާއިރާއިން ދެ ޤައުމުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާ ކަން ހާމަކުރައްވާފައެވެ. އަދި ވެކްސިން ހަދިޔާ ކުރުމަށް ނިންމުމާ ގުޅުވައިގެން ރައީސް ވަނީ ބްރެޒިލްގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ކުރަމުންދާ އަސަރުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ، އަސަރުތަކާއި އަދި، ތަރައްޤީއަށް އަންނަމުންދާ ލޮޅުންތައް ފާހަގަކުރައްވަމުން ރައީސް ވަނީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލްގެ ސަރުކާރުން ރާއްޖެއަށް ވެދިން އެހީތެރިކަމަށް ޓަކައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރާއްޖެ އަންނަ ބްރެޒިލްގެ ފަތުރުވެރިން އިތުރުކުރުމާއި ގުޅޭގޮތުން ސަފީރާ މަޝްވަރާ ކުރައްވާފައެވެ.