މިއަހަރުގެ ފިތުރު ޒަކާތް ބެހުމަށް ބެލިއިރު ފަގީރަކު ނެތް ކަމަށް 42 ރަށުން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރު ޒަކާތުގެ ގޮތުގައި މާލެއިން އެކަނި ހަތް މިލިއަން ހަތަރު ލައްކައަށް ވުރެން ގިނަ ރުފިޔާ ވަނީ ލިބިފައެވެ. ފަގީރަކު ނެތް 42 ރަށުން 450،373 ރުފިޔާ ވަނީ ލިބިފައެވެ.

ފަގީރުން ނެތް 42 ރަށުން ވަނީ އެ ރަށަކާ އެންމެ ކައިރީގައި އޮތް ރަށަށް ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ދީފައެވެ.

ފަގީރުން ނެތް ރަށްތަކުގެ ތެރެއިން ހއ. އަތޮޅުގައި ހިމެނެނީ ތިން ރަށެކެވެ. ހދ. ގައި ހިރިމަރަދޫ އެކަނި ހިމެނޭއިރު ށ. އަތޮޅުގައި ފަގީރަކު ނެތް ހަ ރަށެއްވެއެވެ. ނ. އަތޮޅުގައި ތިން ރަށެއްގައި ފަގީރުން ނެތްއިރު ރ. އަތޮޅުގައި ފަގީރަކު ނެތީ ދެ ރަށެއްގައެވެ. ބ. އަތޮޅުގެ ހަތަރު ރަށެއްގައި ފަގީރަކު ނެތްއިރު ކ. އަތޮޅުން ފަގީރަކު ނެތީ ހުރާގައެވެ. އދ. އަތޮޅާއި ވ. އަތޮޅުގައި ފަގީރަކު ނެތީ ހަތަރު ރަށެއްގައެވެ. މ. އަތޮޅުގެ ފަސް ރަށެއްގައި ފަގީރަކު ނެތްއިރު ފ. އަތޮޅާއި ތ. އަތޮޅުގެ ތިން ރަށެއްގައި ފަގީރަކު ނެތެވެ. ލ. އަތޮޅުގައި ދަނބިދޫގައި ފަގީރަކު ނެތްއިރު ދ. އަތޮޅުގެ ދެ ރަށެއްގައި ފަގީރުން ނެތެވެ.

ފައިސާ އާއި ގޮވާމުން ވެސް ޒަކާތް ބަލައިގެންފައިވާއިރު އެތަކެތި ބެހުމަށް ނިންމާފައިވަނީ ރަޖިސްޓްރީ ކުރާ ފަގީރުންނަށް މިނިސްޓްރީންނާއި ކައުންސިލްތަކުންނެވެ.

ފިޠްރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދައާ ވިދިގެން ކުދިބޮޑު އެންމެހާ މުސްލިމުންގެ މައްޗަށް ﷲ ތަޢާލާ ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ.