21 Mar 2012, 10:58
އިސްލާމް އާބާދު (މާޗް 21) : އެމެރިކާ ސިފައިން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާން ސިފައިންގެ 24 މީހުން މަރާލި މައްސަލާގައި އެމެރިކާ ސަރުކާރުން ރަސްމީ ސިފައެއްގައި ޕާކިސްތާނުގެ ކިބައިން މަޢާފަށް އެދުމަށް ޕާކިސްތާނުގެ ޕާލަމެންޓުން އެމެރިކާއަށް ގޮވާލައިފިއެވެ.
މިކަމާބެހޭގޮތުން ޕާކިސްތާނުގެ ޕާލަމެންޓުން އިއްޔެ ފާސްކުރި ޤަރާރެއް އެމެރިކާ ސަރުކާރަށް ގޮވާލާފައިވަނީ އެމެރިކާ ސިފައިން ޕާކިސްތާނާ ދެކޮޅަށް ކުރީ ކުށެއްކަމަށް ޤަބޫލުކޮށް އެކަމަށް މަޢާފަށް އެދުމަށެވެ. އަދި މަރާލެވުނު މީހުންގެ ޢާއިލާތަކަށް ބަދަލު ދިނުމަށެވެ. މިނޫންގޮތަކަށް މިކަން ޙައްލުނުކުރެވޭނެ ކަމަށްވެސް ޕާކިސްތާނުގެ ޕާލަމެންޓުގެ ޤަރާރު ބުނެއެވެ.
އެމެރިކާ ސިފައިން ޕާކިސްތާނުގެ ސަރަޙައްދަށްވަދެ ޕާކިސްތާން ސިފައިންނަށް ޙަމަލާދީ ސިފައިންގެ 24 މީހުން މަރުމުގެ ޖަރީމާ ހިންގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 26 ވަނަދުވަހުއެވެ. މިޖަރީމާ ހިންގުނީ އޮޅިގެންކަމަށާއި އެކަމާމެދު ދެރަވާކަމަށް އެމެރިކާ ބުނިނަމަވެސް މިކަމަށް ޕާކިސްތާނުގެ ކިބައިން މަޢާފަށް އެދުމަށް އެމެރިކާވަނީ ދެކޮޅު ހަދާފައެވެ.
ޕާކިސްތާނުގެ ހައްޤުގައި ކިތަންމެ ބޮޑު ޖަރީމާއެއް ހިންގުމަށްފަހުވެސް އެއީ މާބޮޑޫކަމެއް ނޫންކަމަށް ހެދުމަށް އެމެރިކާ މަސައްކަތްކުރާ ކަމަށް ވިދާޅުވެ އެމެރިކާއަކީ އެހެންޤައުމުތަކަށް އިޙްތިރާމްނުކުރާ ހަރުކަށި ބޯދާ އިސްތިޢްމާރީ ޚިޔާލުގެ ބޮޑާ ޤައުމެއްކަމަށް ޕާކިސްތާނުގެ ޕާލަމެންޓް މެންބަރުންވަނީ ސިފަކުރައްވާފައެވެ.
ޕާކިސްތާނުގެ ޕާލަމެންޓްގެ ޚާރިޖީ ކަންތައްތަކާބެހޭ ކޮމިޓީގެ ވެރިޔާ ހީނާ ރައްބާނީ ވިދާޅުވީ އެމެރިކާއާއި ޕާކިސްތާނުގެ ގުޅުންތައް މީގެފަހުން ކުރިޔަށްގެންދާންޖެހޭނީ މިންގަނޑުތަކެއްގެ ދަށުންކަމަށާއި ޕާލަމެންޓްގެ ޚާރިޖީ ކަންތައްތަކާބެހޭ ކޮމިޓީއާއި ސަލާމަތާބެހޭ ކޮމިޓީގުޅިގެން އެމިންގަނޑުތައް ކަނޑައަޅައި ޕާލަމެންޓުން އެކަން ފާސްކުރާނެ ކަމުގެއެވެ. ހީނާ އަކީ ޕާކިސްތާނުގެ ޕާލަމެންޓްގެ އައްލަބިއްޔަތު ލިބިފައިވާ ޕާކިސްތާން ޕީޕަލްސް ޕާޓީ ތަމްސީލްކުރައްވާ ބޭފުޅެއްގެ އިތުރުން އެކަމަނާއަކީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ ވެސްމެއެވެ.
ހީނާ ވިދާޅުވީ ޕާކިސްތާނުގެ ބިމުގެ ޙުރްމަތްކަނޑައި ޕާކިސްތާނަށް ޙަމަލާދީ ސިފައިންގެ 24 މީހަކު މަރާލުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއްނޫންކަމަށާއި މިކުށަށް އެއްވެސް ޝަރުތަކާނުލާ އެމެރިކާ މަޢާފް އެދުމުންނޫނީ ޕާކިސްތާނާއި އެމެރިކާގެ ގުޅުންތައް ރަނގަނޅު ނުވާނެކަމުގެއެވެ.
ޕާކިސްތާނުގެ ޕާލަމެންޓުންވަނީ އެޤައުމުގެ ބިންބޭނުންކޮށްގެން ނޭޓޯއިން އަފްޣާނިސްތާނަށް ގެންދާ ސަޕްލައިތަކަށް ޓެކްސް ނެގުމަށްވެސް ގޮވާލާފައެވެ. އަދި އަލްޤާޢިދާއާ ހަނގުރާމަކުރުމުގެ ނަމުގައި ޕާކިސްތާނުގެ ވަޒީރުސްތާނަށް އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ތަކުރާރުކޮށް ދެމުން ގެންދާ ޙަމަލާތައް ކުށްވެރިކޮށް އެކަން ނުކުރުމަށާއި ޕާކިސްތާނުގެ ސަރަޙައްދަށް އިޙްތިރާމްކުރުމަށްވެސް ޕާކިސްތާނުގެ ޕާލަމެންޓުން އެމެރިކާއަށް ގޮވާލިއެވެ.
އަލްޤާޢިދާއާ ހަނގުރާމަކުރުމުގެ ނަމުގައި ވަޒީރުސްތާނަށް އެމެރިކާ ދޭޙަމަލާތަކުގައި ހަނގުރާމަވެރިންނަށްވުރެ ގިނައިން މަރުވަނީ ކުށެއްނެތް އާންމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ފާއިތުވި އަހަރު އެމެރިކާ ދިން މިފަދަ ޙަމަލާތަކުގައިވެސް ޕާކިސްތާނުގެ 13 ސަތޭކައެއްހާމީހުން މަރުވެފައިވާއިރު މީގެތެރޭގައި އާންމުންގެ 800 އެއްހާމީހުން ހިމެނެއެވެ.
އެމެރިކާގެ ޙަމަލާތަކުގައި މަރާލެވެމުންދާ އާންމުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަޢަދަދަކަށް ހިމެނޭތީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ އެމެރިކާގެ މިފަދަ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ޤާނޫނީގޮތުން ބެލެވިދާނެ ޢަމަލުތަކެއް ކަމަށް ސިފަކޮށްފައެވެ. (ނޫސްއެޖެންސީތައް)