22 Jul 2010, 14:47
19:00
ސިފައިންގެ ހައްޔަރުގައި ހުރި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަދަނީ ހައްޤުތައް ހޯދުމަށް ޔާމީންގެ ވަކީލުން އެ މައްސަލަ މަދަނީ ކޯޓަށް ހުށަހަޅައިފި އެވެ.
ކޯޓުގައި މައްސަލަ ހުށަހަޅުއްވަމުން އަބްދުﷲ ޔާމީންގެ ވަކީލު، ކުރީގެ އެޓާނީ ޖެނެރަލް އާޒިމާޝުކޫރު މިއަދު ވިދާޅުވީ، ހިމާޔަތް ކުރުމަށް ކަމަށް ބުނެ، ސިފައިން ހައްޔަރުގައި ޔާމީން ބަހައްޓާފައިވުމުގެ ސަބަބުން، ޔާމީންގެ އަށް މަދަނީ ހައްގަކަށް އަރައިގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ވަޒީފާ އަދާކުރުމުގެ ހައްގާއި ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ހައްގާއި، ދަތުރުފަތުރުކުރުމުގެ ހައްގު ހިމެނޭ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަތުމަކީ، ގާނޫނު އަސާސީ މަނާކުރާ ކަމެއް ކަމަށް ވިދާޅުވެ މި މައްސަލަ މިއަދުން މިއަދަށް ނިންމަވައިދެއްވުމަށް ވެސް އާޒިމާ ކޯޓުގައި އެދިވަޑައިގެންނެވި އެވެ.
އާޒިމާ މައްސަލަ ހުށަހެޅުއްވުމުން މައްސަލައަށް ޖަވާބު ދެއްވުމަށް ވަޑައިގެންނެވި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު އަބްދުﷲ ޖާބިރު ވިދާޅުވީ، މައްސަލައިގެ ނޯޓިސް އެފަރާތަށް ލިބުނީ މިއަދު އެގާރަ ޖެހިއިރު ކަމަށެވެ. އެހެންކަމުން މައްސަލައަށް ޖަވާބުދެއްވުމަށް ވަގުތު ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ޖާބިރަށް ފުރުސަތު ދެއްވުމަށްފަހު އަންނަ އާދިއްތަ ދުވަހު މި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ހަމަޖައްސަވައި، ގާޒީ މިއަދުގެ ޝަރީއަތް ނިންމަވައިލެއްވި އެވެ.