ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި މިދިޔަ ޢީދު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީގެ ތުހުމަތުގައި ފުލުހުން ހޯދަމުން އައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މިއީ އެ މައްސަލައިގައި ފުލުހުން ހޯދަމުން އަންނަ ހަތް މީހުންގެ ތެރެއިން ދެމީހުންނެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެމީހުންނަކީ ތ. ތިމަރަފުށީ ސީނުގެ، އަޙްމަދު ޝިމްހާޒު، 22، އާއި މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް، 18، އެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު މާލެއިން ކަމަށެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މާރާމާރީގެ ތުހުމަތުގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި، ސީނުގެ، އަޙްމަދު ޝިމްހާޒު، 22، އާއި މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް، 18، އާއި ގދ. ވާދޫ، އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް، 18،ގެ އިތުރުން އުމުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

މިމައްސަލައާ ގުޅުން ހުރި ފަސް މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

ފުލުހުން ހޯދަމުން އަންނަ އެ ފަސް މީހުންނަކީ، ދަފްތަރު ނަންބަރު ރސ2260 މައުސޫމް މުޙައްމަދުދީދީ،27، އާއި ގއ. މާމެންދޫ، ގްލޭނޫރަންމާގެ އަޙްމަދު ރަބީޢު، 24، އާއި ގއ. ގެމަނަފުށި ކެނެރީގެ އަޙްމަދު ނާޒިހު، 27، އާއި ސ. ހުޅުދޫ ނާދީ މުނާދު ޖަޢުފަރު، 20،ގެ އިތުރުން ސ. މަރަދޫ ކޮރަލް އަޙްމަދު ސާތިޢު، 21، އެވެ.

ޢީދު ދުވަހުގެ މާރާމާރީގެ ތުހުމަތަށް ފުލުހުން ހޯދަމުން އަންނަ ފަސް މީހުން -- ފޮޓޯ/ ޕޮލިސް

ފުލުހުން ވަނީ މި ފަސް މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެ އިދާރާގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ.

މާލެއާއި އަތޮޅު ތެރޭގައި ހިންގައި މާރާމާރީތައް ދުވަސް ތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު މި ފަހަކަށް އައިސް އަނެއްކާ ވެސް މިވަނީ ވަރަށް ގާތްގާތުގައި ހިންގާ މާރާމާރީތައް އިތުރުވާން ފަށާފައެވެ.

މިފަދަ ބޮޑެތި ކުއްތަކުގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ބައިވެރިވާ ނިސްބަތް ވެސް މި އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރުވާން ފަށާފައެެވެ.