09 May 2022, 09:21
ޣައްޒާ (9 މޭ 2022) : ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އިސްވެރިއެއްކަމަށްވާ ޔަހްޔާ އައްސިންވާރު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު އިސްރާއީލުން ދިނުމާ ގުޅިގެން އޭނާގެ ދިފާއުގައި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ނުކުމެއްޖެއެވެ.
ސިންވާރު އަވަހާރަކޮށްލާނެ ކަމުގެ ބިރު އިސްރާއީލުން ދެއްކުމުން ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ އޭނާގެ ހިމާޔަތުގައި ޣައްޒާގައި އިއްޔެ ބޮޑު ހިނގާލުމެއް ބާއްވާފައެވެ. މިހިނގާލުމުގައި ފަލަސްތީނުގެ އާންމުންގެ އެތައް ހާސް ބަޔަކު ބައިވެރިވުމުގެ އިތުރުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާ އަދި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރިން ބައިވެރިވިއެވެ.
ޔަހްޔާ އައްސިންވާރަކީ އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރުމާ ގުޅިގެން 23 އަހަރު ވަންދެން އިސްރާއީލުގެ ޖަލުތަކުގައި ވަރަށް އަނިޔާވެރި ގޮތްގޮތަށް ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު 2011 ވަނަ އަހަރު މިނިވަންކޮށްފައިވާ ބޭފުޅެކެވެ.
އޭނާ މިނިވަންކުރަން އިސްރާއީލަށް މަޖްބޫރުވީ ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައިވާ އިސްރާއީލު ސިފައިންގެ މީހެއް ކަމަށްވާ ޖަލްއާދު ޝަލީތު މިނިވަންކުރަން ވެގެން އިންޓަނޭޝަނަލް ރެޑްކްރޮސް ޖަމްއިއްޔާ މެދުވެރިއަކަށް ވެގެން 2011 ވަނަ އަހަރު ކުރިއަށްދިޔަ އަސީރުން މިނިވަންކުރުމުގެ ޑީލެއްގެ ދަށުންނެވެ.

ޔަހްޔާ އައްސިންވާރު
މިނިވަން ވުމަށްފަހުވެސް ސިންވާރު ގެންދަނީ އިސްރާއީލާ ދެކޮޅަށް ހަމާސް ޖަމާއަތުން ކުރިއަށްގެންދާ މިނިވަންކަމުގެ ހަރަކާތްތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރި ވަމުންނެވެ. އުމުރުން 60 އަހަރުގެ ސިންވާރު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ އެކަމުގެ އިންޒާރު ދީފައިވަނީ އިސްރާއީލުގެ ޕާލަމެންޓްގެ ބައެއް މެންބަރުންނާއި އިސްރާއީލުގެ ބައެއް ނޫސްވެރިންނާ އަދި އިސްރާއީލުގެ ކުރީގެ ބައެއް ހަރުކަށި ވެރިންނެވެ.
ސިންވާރަށް މަރުގެ އިންޒާރު ދިނީ އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ޔަހޫދީންގެ ހައްދު ފަހަނަޅާފައިވާ ދީނީ މީހުންނާއި ޔަހޫދީ ވަޒަންވެރިން ވައްދައިގެން އެތަނުގެ ހުރުމަތް ކެނޑުމަށާއި އެމިސްކިތުގައި ނަމާދުކުރާ ފަލަސްތީނު މީހުންނަށް ހުރަސްއެޅުމަށް އިސްރާއީލު ހިންގާ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކަށް ބަދަލު ހިފާނެކަމަށް ވިދާޅުވެ ސިންވާރު އިސްރާއީލަށް ދެއްވި އިންޒާރުތަކަކާ ގުޅިގެންނެވެ.
މަސްޖިދުލްއަގްސާއަށް އަޅުކަން ކުރުމަށް ދާ ފަލަސްތީނު މީހުންނާ ދެކޮޅަށް މިދިޔަ ރޯދަމަހު އިސްރާއީލު ހިންގި ލާއިންސާނީ އަމަލުތަކުގައި އެކި ދުވަސްމަތިން ފަލަސްތީނުގެ ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވެއެވެ.
ސިންވާރުގެ އިންޒާރަށް ފަހު ފަލަސްތީނުގެ ދެ މީހަކު މިދިޔަ ހުކުރު ދުވަހު ވަނީ އިސްރާއީލުގެ ވެރިރަށް ތެލްއަވީވުގެ އަލްއާދު އަވަށުގައި ބަޑިން ހަމަލާތަކެއްދީ އިސްރާއީލުގެ ތިން މީހުން މަރާލައި އިތުރު ތިން މީހުން ޒަޚަމްކޮށްލުމަށްފަހު ފިލާފައެވެ.
މިހަމަލާތަކާ ގުޅިގެން އިސްރާއީލަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ހަމަލާ ދިނުމަށް ފަހު ފިލި ދެމީހުން އިސްރާއީލަށް ހޯދައި އެދެމީހުން ހައްޔަރު ކުރެވުނީ އެކަމަށް މަސައްކަތް ކުރާތާ ދެދުވަސް ފަހުން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. މިދެމީހުން ހޯދުމުގައި އިސްރާއީލުވަނީ އެގައުމުގެ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ފާއިތުވި ފަސްވަރަކަށް ހަފްތާތެރޭގައި ފަލަސްތީނުގެ ހަތިޔާރުއެޅި ބައެއް މީހުންވަނީ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ބާޒާރުތަކާއި އެނޫންވެސް ރަށްރަށުގެ އެކިތަންތަނަށް އެކި ފަހަރުމަތިން ބަޑިން ހަމަލާދީ އިސްރާއީލުގެ 16 މީހުން މަރާލައި 30 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.
މިކަމުގެ ސަބަބުން އިސްރާއީލުގެ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި އިސްރާއީލުގެ ވެރިންނަށާއި އަމަނާބެހޭ މުއައްސަސާތަކަށް ވަނީ އެގައުމުގެ އަމަނު ނުބެލެހެއްޓޭކަމުގެ އިހްސާސު ކުރެވެން ފަށާފައެވެ. އަދި އާންމުންވަނީ ސޯޝަލް މީޑީއާގައި އިސްރާއީލުގެ ސަރުކާރު ނާކާމިޔާބު ވެއްޖެ ކަމަށް ބުނެ އެގައުމުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.
ނަތީޖާއެއްގެ ގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ދެބަސްވުންތައް އުފެދި އެކޯލިޝަން ސިޔާސީ ގޮތުން ބަލިކަށިވެ ބެނެޓުގެ ސަރުކާރުވަނީ ހޫނުފެނަށް ވެއްޓިފައެވެ. ފަލަސްތީނުގެ ވަކިވަކި ފަރުދުން އިސްރާއީލާ ދެކޮޅަށް ހިފަމުން ގެންދާ ބަދަލު ހިފުމުގެ ހަމަލާތަކާ ކުރިމަތިލުމުގައި އިސްރާއީލުގެ އަމަނާބެހޭ އިދާރާތައް ނާކާމިޔާބު ވުމުން އިސްރާއީލުގެ ޕާލަމެންޓް މެންބަރުންނާއި ނޫސްވެރިންނާއި ކުރީގެ ވެރިންވަނީ ފަލަސްތީނުގެ ޖަމާއަތްތަކުގެ ލީޑަރުން އަވަހާރަކޮށްލަންޖެހޭ ކަމަށް ބުނެ އެކަމުގެ އިންޒާރު ދީފައެވެ.
ޚާއްސަކޮށް ޔަހުޔާ ސިންވާރަށްވަނީ ސީދާ ގޮތެއްގައި އޭނާގެ ނަން ހާމަކޮށް މަރުގެ އިންޒާރު ދީފައެވެ. މި އިންޒާރަށް ރައްދު ދިނުމުގެ ގޮތުން ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފައިވަނީ އިސްރާއީލަކީ ޓެރަރިސްޓް އެންޓިޓީ އެއްކަމަށާއި އިސްރާއީލަކީ ބައިނަލްއަގްވާމީ ޓެރަރިޒަމްގެ އެންމެ އިސް ފަރާތްކަމުގައެވެ.
ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ އެއްވެސް ލީޑަރަކު އަވަހާރަކޮށްލައިފިނަމަ އިސްރާއީލުގެ ވެރިންނަށްވެސް ސަލާމަތުން ނޫޅެވޭނެ ކަމަށާއި މުޅި އިސްރާއީލުގެ އަމާންކަން ގެއްލުވާލާފަދަ ހަމަލާތަކެއް އިސްރާއީލުގެ އެތަން މިތަނަށް ދޭނެކަމަށް ބުނެ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ އިސްރާއީލަށް އިންޒާރު ދީފައެވެ.
ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ހުއްޓުވޭނެ ކަމަށް ލަފާކޮށް ފާއިތުވި ހަތްދިހަ ވަރަކަށް އަހަރު ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ އެކި ފެންވަރުގެ ލީޑަރުންނާއި ރޮކެޓް ހަދާ އިންޖިނޭރުންނާއި އެކްޓިވިސްޓުންނާއި އަސްކަރީ ކޮމާންޑަރުން އަވަހާރަކޮށްލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާތަކުގައި ފަލަސްތީނުގެ 70 ވަރަކަށް ބޭފުޅުން ޝަހީދުކޮށްލާފައިވެއެވެ. ނަމަވެސް މިޖަރީމާތަކުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ފަލަސްތީނުންކުރާ މިނިވަންކަމުގެ ޖިހާދު ބަލިކަށި ވުމުގެ ބަދަލުގައި އެޖިހާދު ވަނީ އިތުރަށް ވަރުގަދަ ވެފައެވެ.
އިސްރާއީލުގެ އެންމެ އެތެރޭގެ ބާޒާރުތައްފަދަ މީހުން ބައިބޯ ތަންތަނަށް ވަދެ ބަޑިން ހަމަލާދިނުމުގެ ހަރަކާތްތަކެއް ފަލަސްތީނުގެ ވަކިވަކި ފަރުދުން ހިންގަމުން މިގެންދަނީ އިސްރާއީލަކީ އެއްވެސް ވަރަކަށް އަމާންކަމާއި ރައްކާތެރިކަން ނެތް ތަނެއްކަން އިސްރާއީލަށް ހިޖުރަ ކޮށްގެން އުޅޭ ޔަހޫދީންނަށް ވިސްނައިދިނުމުގެ ބޭނުމުގައެވެ.
މިދިޔަ ހުކުރުދުވަހު ޓެލްއަވީވުގައި ބަޑީގެ ހަމަލާތައްދީފައިވަނީ ފަލަސްތީނުގެ 19 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނެކެވެ. އެދެމީހުން އިއްޔެ ހައްޔަރު ކުރުމަށްފަހު އިސްރާއީލުންވަނީ އެދެމީހުންގެ އާއިލާ ދިރިއުޅެމުންގެންދާ ގެތައް ތަޅާލާނެކަމުގެ އިންޒާރު ދީފައެވެ.