21 Mar 2012, 10:53
އަމިއްލަ ދަރިންނާއިއެކު ފިރިމީހާ ބަދުއަޚުލާގީ އަމަލު ހިންގިކަން ސިއްރު ކުރި ކަމަށް ތުހުމަތު ކުރި މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އަމިއްލަ ދަރިންނާއި އެކު ފިރިމީހާ ބަދުއަޚުލާގީ އަމަލު ހިންގިކަން ސިއްރު ކުރި ކަމުގެ ތުހުމަތުގައި ހއ. ބާރަށް އިރަމާގޭ ޒަހީރާ މުހައްމަދުގެ މައްޗަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދައުލަތުން ކުރި ދައުވާ އަކީ ކުށެއް ކުރިކަން އެނގި ހުރެ އެ މައުލޫމާތު ސިއްރު ކުރިކަމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ޒަރީރާގެ މައްޗަށް ކުރި ދައުވާކޮށްފައި ވަނީ ޒަހީރާގެ ފިރި މީހާ އޭނާގެ ތިން އަންހެން ދަރިންގެ އެކި އުމުރުގައި އެކި ދުވަސް މަތިން އެ ކުދިންނާއި ބަދުއަޚުލާގީ އަމަލު ހިންގާފައިވާކަން ޒަހީރާއަށް އެނގި ހުރެ އެކަން ސިއްރު ކުރިކަމަށް ބުނެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ޒަހީރާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ދައުލަތަށް ހުށަހެޅިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީކަމަށެވެ.