ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދާއިރާއެއްގެ މުސާރަ ވެސް ހާމަނައިޒް ކުރުން ކަމަށާއި، އެހެންކަމުން، އެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ލެކްޗަރާއިންގެ މުސާރައިގެ މައްސަލައިގައި މިއަދު ކުރި އިހުތިޖާޖާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށުމުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ.

ލެކްޗަރާއިން ވެސް އާ ފްރޭމްވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދާދި ފަހުން ފިނޭންސް މިނިސްޓަރު ވިދާޅުވިކަން ވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރު އަމީރު މިދިޔަ ބުދަ ދުވަހު "ސަން"އަށް ވިދާޅުވީ ލެކްޗަރާއިންގެ މުސާރައިގެ އައު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

"އެ މަސައްކަތް މިހާރު އެމްއެންޔޫއާ އެއްކޮށް ވެސް ކުރެވިފަ އޮތީ. ދެން އައިޔޫއެމް އާ ވެސް ޝެއާ ކުރެވިފައި، ކޮމެންޓްސް ހޯދިފަ ވަނީ," އަމީރު ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއިން މިއަދު ވަނީ ކަޅު ހެދުމުގައި އިހުތިޖާޖުކޮށްފައެވެ. ގިނަ އަދަދެއްގެ ލެކްޗަރާއިން ބައިވެރިވި އެ އިހްތިޖާޖުގައި ގޮވާލާފައިވަނީ ތައުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންގެ މުސާރައެކޭ އެއްފަދައިން، ލެކްޗަރާއިންގެ މުސާރަ ވެސް މިމަހުން ފެށިގެން ބޮޑުކޮށްދިނުމަށެވެ.