"މާތް ﷲ ގުރުއާނުގެ އަލް އިސްރާ ސޫރަތުގައި ވަހީ ކުރައްވާފައިވަނީ( وَقَضٰى رَبُّكَ اَلَّا تَعْبُدُوْٓا اِلَّآ اِيَّاهُ وَبِالْوَالِدَيْنِ اِحْسٰنًاۗ اِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ اَحَدُهُمَآ اَوْ كِلٰهُمَا فَلَا تَقُلْ لَّهُمَآ اُفٍّ وَّلَا تَنْهَرْهُمَا وَقُلْ لَّهُمَا قَوْلًا كَرِيْمًا.وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًۭا) މާނައަކީ އެކަލާނގެއަށް މެނުވީ، ތިޔަބައި މީހުން އަޅުކަން ނުކުޅައުމަށާއި ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވި އެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތި ބެ މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ އެ ދެމީހުންނަށް އުފް ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތްބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ."

***

ހާރިސް މެސެޖްކޮށްފައި މަސްޖިދު ބައިތުލް އަހަދުއަށް އަންނަން އެދުމުން ހާރިސްއަށް ހައިރާންކަމެއް ލިބުނެވެ. ހާރިސް މިކޮޅުގައި އުޅޭކަމެއް އޭނައަށް އެނގިފައެއްނެތެވެ. ކާރު ޕާކްކޮށްލާފައި އެރިކް މިސްކިތާއި ދިމާލަށް ހިނގައިގަތެވެ.މިސްކިތުގެ ހަރިމައިގެ ތެރެއިން ނުކުމެގެން އައި ހާރިސް ހުރީ އާދައިގެ މަތިން އަރަބި ޖުއްބާ ހެދުމެއްގައެވެ. އަރަބި ރަސްދަރިކަލެއްފަދައެވެ. އޭނައާއި އެރިކް ކަރާއި ކަރު ޖައްސާ ސަލާމްކޮށްލުމަށްފަހު ދުރުވެލިއެވެ. ހާރިސްގެ ހަށިގަނޑުގައި ހިފާފައިވަނީ ލުއި މީރުވަހެކެވެ.

"ހާރިސް. އަހަރެން ހީކުރީ ރާއްޖޭގައި ކަމަށް...." އެރިކް ބުނެލިއެވެ.

"މިކޮޅަށް އައީ ޚާއްސަ ކަމެއްގައި. އެހެންވެ އެރިކްއަށްވެސް ދައުވަތު ދިނީ..ސިއާރާގެ ކައިވެނި ކުރެވޭކަން އެނގޭތަ؟"

"ނޫން. ނުދެނެހުރިން.."އެރިކް ހައިރާންވިއެވެ.

"އޭނަގެ ނަމަކީ އެލިޔަސް...."

"ވަޓް؟ އަސްލަންއެއް ނޫންތަ؟ ސިއާރާގެ ކައިވެނި ހަމަޖައްސާފައިވަނީ އަސްލަންއާ. އެގޮތަށް އެނގިފައި އޮތީ. މިއީ ކޮންކަމެއްތަ؟" އެރިކްއަށް ސިހުމެއް ލިބުނެވެ.

"ސިއާރާއަކީ އަޅުވެރި މުސްލިމް ކުއްޖެއް. އަސްލަންގެ އުދަގޫ ބޮޑުކަމުން ސިއާރާ ބޭނުންވީ ތިގެއިން ދުރަށް ދާން. އަހަރެން ގާތު އެދުނީ. އަސްލަން މުސްލިމެއްކަމަށް ހެދިގެން ހުއްޓަސް އޭނައަކީ ދީން ގަބޫލުނުކުރާ މީހެއްކަމަށާއި ދީނަށް ޖޯކު ޖަހާފައި ސިއާރާ ގާތު ވާހަކަދައްކާ ކަމަށް ބުނި. ސިއާރާ އިސްތިޚާރާކުރި..އެހެންވެ ސިއާރާ ތިގެއިން ގެންދަން އެންމެ އެކަށީގެންވާ ގޮތަކަށް ފެނުނީ ކައިވެންޏަށްފަހުގައި ކަމަށް ނިންމީ.."

"ދިސް އިޒް ޝޮކިން އަސްލު. އަސްލަން ހަގީގަތުގައިވެސް ސިއާރާދެކެ ލޯބިވޭ. އަހަންނަށް ވެސް އެކަން ފީލްވޭ. އޭނަގެ ހިތް ހަލާކުވާނެ މިހެން ކަންތައްކޮށްފިއްޔާ. އެންމެ ކުޑަވެގެން މި ކައިވެނީގެ ވާހަކަ އެނގުމުގެ ހައްގު އޭނައަށް އޮންނަންވާނެ.."އެރިކް ނުރުހުންވިއެވެ." ހާރިސްކަހަލަ ހައްދު ފަހަނަޅާފައިވާ މީހަކާއި ކޮއްކޮގެ ދިރިއުޅުން ހަވާލުކުރަނީ؟"

"އާނ.."

"އަސްލަންއާއި ކައިވެނިކޮށްފިއްޔާ ކިހާ އިއްޒަތުގައި ސިއާރާއަށް އުޅެވޭނެ. ތި މޮޔަކަމާއި ގޮތްދޫނުކުރުން ހުއްޓާލާ. ހައްދު ފަހަނަޅާ ދިޔުމަކީ ހައްލެއްނޫން..."

"އާރިކްވެސް ބައްޕަ ބުނުއްވި ކުއްޖާއާއި ކައިވެނިކުރިނަމަ ދިރިއުޅުން މާ ފުރިހަމަވާނެ....."

"މޫނު އަޅައިގެން ހުރި މީހަކާއެކު އަހަންނަކަށް ނޫޅެވޭނެ. ހާރިސްއަށްވެސް މާރަގަޅުވާނެ ޒޯޔާގެ ކޮއްކޮއާއި މެރީކުރީމަ. އެކުއްޖާވެސް މެޑިސިން ހަދަނީ. ރަގަޅު ފެމިލީއެއް........................................" އެރިކް އެހެން ބުނިއިރުވެސް ހާރިސް އަބަދު ތަކުރާރުކޮށް ބުނެފައިވާ ވާހަކަ ސިކުނޑީގައިވިއެވެ. ހާރިސްގެ ދަރިންވެސް އޭނަ ބޭނުންވަނީ ޝަހީދުންނާއި ގާރީން ހާފިޒުން އިމާމުން އަދި އިލްމުވެރިންފަދަ މީހުންގެ ގޮތުގައި ވުމަށެވެ. ކިތަންމެ މަސައްކަތްކުރިޔަސް ހާރިސްގެ ފިކުރު ބަދަލެއްނުވާނެއެވެ.

"އަހަރެން ބޭނުމީ ހަމައެކަނި ޖައްނަނަތުލް ފިރުދައުސް..." ހާރިސްގެ ލޮލުގައި ވީ ސާބިތުކަމެކެވެ.

"ދުނިޔެއާއި އާޚިރަތަށް މަސައްކަތް ކުރަން ނޯވޭތަ؟"

"ދުނިޔެއަށް ފޮނުއްވީ އަޅުކަން ކުރަން. ދުނިޔޭގައި އުޅެން މަސައްކަތްކުރަން ޖެހެންޏާ އެކަންވެސް ކުރަން. އެކަމަކު ހުރިހާވެސް ކަމަކީ ﷲ ސުހުބާނަހޫ ވަތައާލާގެ ރުހިވޮޑިގަތުން ހޯދުން. އެކަމުން ހިތްހަމަޖެހުން ލިބޭ. ގުރުއާނާއި ސުންނަތަށް އުޅުމުން ދުނިޔެއާއި އާޚިރަތްވެސް ލިބޭނެ އިންޝާﷲ.." ހާރިސް ގުރުއާނުގެ އާޔަތެއް ކިޔަވަންފެށިއެވެ. އަދި ކޮންމެވެސް ވަރަކަށް އެއާޔަތާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އެރިކްގެ ހިތަށްވެސް ތަފާތު އިހުސާސެއްކުރުވިއެވެ. ވަގުތުކޮޅަކަށް ހިތުގައި ދުނިޔަވީ އެދުން ކުޑަވެ ކޮއްކޮގެ ވާހަކައަށް ތާއީދުކުރެވުނެވެ.

ސްނޯގެ އެތިކޮޅުތައް މޫނުގައި ބީހެން ފެށުމުން ދެމީހުން އެއްކޮށް މިސްކިތަށް ވަނެވެ. އެތަނުން ބައްޕަ ޖަހާންގީރު ފެނުމުން އެރިކްއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ބައްޕަވެސް އަންގާ ނުލައި މިކޮޅަށް އައުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލު ނާހަނީސް ހާރިސް އެލިޔަސްއަށް އެރިކް ތައާރަފުކޮށްދިނެވެ. އެރިކް ނުތަނަވަސްވިއެވެ. ހާރިސްފަދައިން އެލިޔަސްއާއި އެތަނުގައި ތިބި ހުރިހާ ޒުވާނުންނަކީވެސް ހާރިސްފަދަ ތުނބުޅިލާފައި ތިބި "ނިރުބަވެރިން" ކަމުގައި އެރިކް ނިންމިއެވެ. ނުތަނަވަސްކަން ހިތުގައި އިތުރުވެގަތެވެ. އޭނައަށް އިހުސާސްކުރެވުނީ އޭނައާއި ނުގުޅޭ ބަޔެއްގެ ތެރޭގައި ހުރެވުނުކަމެވެ.

މި މީހުންނަކީ އެބުނާ ހަރުކަށި ފިކުރުގެ މީހުންނެވެ.

އަސްލަން އެވަގުތު އެރިކްއަށް މެސެޖްކުރިއެވެ. ސިއާރާވެސް ގޭގައި ނެތްކަމަށާއި ފޯނަށް ޖަވާބު ނުދޭކަމުގައި ބުނެލިއެވެ.

"ހާރިސް މިކޮޅަށް އައިސް ސަޕްރައިޒް ވިޒިޓެއް ދިނީ..ޑޯންޓް ވޮރީ. ސިއާރާވެސް މިހިރީ މަށާއި އެކީ...." އެރިކް ޖަވާބުދިނެވެ.

"ޓޭކް ކެއާ އޮފް ހާ....ޝީޒް އެވްރީތިން ޓު މީ..."

އެރިކްގެ ހިތް ގެނބުނެވެ. އަސްލަންގެ ހިތުގެ ހާލު އެނގިހުރެ މިކަން ހަމަ ކުރިއަށް ގެންދާންވީބާވައެވެ. އަސްލަންއަށް ގުޅާ ގެނެސް މި ކައިވެނި ހުއްޓުވަންވީއެވެ. ސިއާރާ އަސްލަންއާއި ކައިވެނިކުރަން އެއްބަސްވެ ދޮގު އުއްމީދުތަކެއް ދީފައި ކެހިދިނުމަކީ ބޭ އިންސާފެކެވެ.

ނަމާދަށް ބަންގި ގޮވުމުން އިމާމަކަށް އިސްވެ ނަމާދުކުރީވެސް ހާރިސްއެވެ. ހާރިސް ކިޔަވަންފެށީ އަލްއިސްރާ ސޫރަތުގެ ވިހިވަނަ އާޔަތުން ފެށިގެންނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތަން އަންގަވާފައިވި އާޔަތް ކިޔަވަން ފެށިއިރު ހާރިސްގެ ލޮލުން ކަރުނަ އޮހިގަތީ ކީއްވެކަމެއް ނޭގުނެވެ. އެ އާޔަތްތަކުގެ އަސަރުގައި ޖެހި އެހެން މީހުންނަށްވެސް ރޮވެމުން ދިޔައިރު އެރިކްއަށް އާޔަތުގެ މާނައެއް ރޭކާނުލިއެވެ. ނަމަވެސް ހާރިސްގެ އަޑުގައިވި ޖާދޫ ހިތާއި ކުޅެލިގޮތަށް ފެންކަޅިކުރުވިއެވެ.

ނަމާދު ނިމުނުއިރު އެރިކްގެ ހިތަށްވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބި "ސްޓްރެސް" ފިލައިފިއެވެ.

***

މާކް އަސްލަންއަށް ފޯނުކުރުމާއެކު ޝަކުވާގެ ފުންޏެއް އޮއްސައިލަން ބޭނުންވިއެވެ.

"ޑޭޑް ކޮންއިރަކުން ދުރުވަނީ؟ ޕްލީޒް އަވަހަށް......"

"ކީއްކުރަން ދަރިފުޅު....."

"ސިއާރާ މެރީކުރަން އެއްބަސްވެއްޖެ. ބައްޕަމެން އައުމާއެކު އަވަހަށް ހުރިހާކަމެއް ނިންމަން އެބަޖެހޭ. އެކަމަކު ވަން ޕްރޮބްލެމް. މިއީ ސިކްރެޓެއް. ބައްޕަ އަދި ކޮންމެހެން ސިއާރާ މަންމަ ގާތު ބުނާނެކަމެއްނެތް. އޭނަ ދީން ބަދަލުކޮށްފި. މުސްލިމަކަށް ވެއްޖެ.. އޭނަގެ ޝަރުތަކީ އަޅުގަނޑުވެސް މުސްލިމަކަށްވުން.." އަސްލަން ބެލްކަނީގައި ހުރެ ދެކޮޅަށް ހިގަމުން ދިޔައެވެ."ބިރު އެބަގަނޭ. ލަސްކުރަން ވެއްޖެއްޔާ ސިއާރާ ގެއްލިދާނެހެން.."

"ދަރިފުޅު އޭނަދެކެ ލޯބިވޭތަ؟"

"ޔެސް ޑޭޑް..ވަރަށް ބޮޑަށް.. އެންމެ ފަހަރަކުވެސް ހަދާނުން ނުފިލާ.........." އަސްލަން އެއްބަސްވިއެވެ.

"އެއީ ހަމަ ދަރިފުޅުގެ ހައްގެއް. އަދި ސިއާރާ އަލުން އީސާއީއަކަށް ވާނެ. ޔަގީންކަން މިދެނީ. އޭނަގެ މަންމަ ވެސް އެ ދީނަކަށް ނަފްރަތުކުރާ ދީނެއްގައި އަމިއްލަ ދަރިއަކު ބަހައްޓާ ހަލާކުވެގެން ދިޔަދޭކަށް ބޭނުމެއްނުވާނެ. މަނީ ޓޯކްސް އޭ ބުނެއެއްނު ދަރިފުޅާ. ބައްޕަ އެނބުރިގޮސް ހޮސްޕިޓަލުގެ ސީއީއޯކަން ދޭނަން. އެއީ ވަރަށް ބޮޑު ޒިންމާއެއް. އަދި އެރިކްގެ މަގާމުވެސް ބޮޑުކޮށްދޭނަން......."

"ތެންކިއު ޑޭޑް...." އަސްލަންއަށް އިތުރަށް ޔަގީންކަން ލިބުނެވެ.

ބައްޕައާއި ދެކެވުނު ވާހަކަތަކަށްފަހު އަސްލަން އޭނަގެ އެފްބީގައިވެސް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށާއި އެކުއްޖާގެ ނަމަކީ ސިއާރާ ކަމުގައި ލިޔުމުން ވަގުތުން ކޮމެންޓްތަކާއި އެއްޗެހި އޮހެންފެށިއެވެ. އަންހެންކުދިންތައް ހިތް ހަލާކުވެފައިވާކަން އަދި ދެރަވެފައިވާކަމުގެ އިމޯތައް ފޮނުވާފައި ދެރަވެގެން ކޮމެންޓްތައް ކުރިއެވެ.

***

އެލިޔަސްއާއި ސިއާރާގެ ކައިވެނި ކުރެވެމުން ދިޔައިރު ސިއާރާގެ ފޯނަށް މެދުނުކެނޑި އަސްލަން ގުޅަމުން ދިޔަކަން ސިއާރާއަށް އެނގުނެވެ. ހިތް އުދާސްވެ ނުތަނަވަސްވިއެވެ. އަސްލަން ހަގީގަތުގައި އޭނަދެކެ އެވަރަށް ލޯބިވަނީތޯ ހިތާ ހިތުން ސުވާލުކުރެވުނެވެ.

"ހާރިސް......މިކަން ހުއްޓުވަފާނަންތަ؟"

"މާ ލަސްވެއްޖެ.."

"އަސްލަންގެ ހިތް ހަމަ ހަލާކުވާނެ. ހަރުކަށިކަން ދައްކައިގެން ހުއްޓަސް އޭނަ ވަރަށް ހިތްހެޔޮވާނެ. އޭނައަށް ޗާންސެއް ދީ."

"ސޮރީ އެރިކް.." އެވަގުތުކޮޅުވެސް އެރިކްގެ އާދޭހުގެ މެސެޖްތައް ހާރިސްއަށް ލިބުނެވެ.

ނަމަވެސް ހަގީގަތުގައި އެރިކްއަށްވެސް އެވަގުތުކޮޅު ހަދަންވީގޮތެއް ނޭގި ސިކުނޑި ހާސްކަމެއްގެ ތެރޭވަނިކޮށް ގާޟީ އެދެ ޒުވާނުންގެ ކައިވެނިކޮށްދީފިއެވެ.

***

އެރިކް ގެއަށް ވަދެ ކޯޓް ބޭލިތަނާ އަލިފާންގަނޑު ކައިރީ ބިންމަތީގައި އިށީދެލައިގެން ކޮފީއެއް ބޯން އިން އަސްލަން ފެނުމުން ހިތަށް އުދަގޫވިއެވެ. އޭނަ އަވަހަށް ކޮފީ ޖަގުން ކޮފީތަށްޓެއް އަޅާފައި ދިއްކޮށްލިއެވެ." ބިއަރ އާއި ވޭޕްކުރުންފަދަ ކަންތައް ހުއްޓައިލަން ނިންމައިފިން............ކޮބާ ސިއާރާ؟"

"މްމމް...ހާރިސްއާއެކީ...." އެރިކްއަށް ހަތަރުކަޅި ހަމަކުރަން ނުކެރިގެން ފޯނަށް ބަލަންފެށިއެވެ.

"ހާދަ ދަންވެއްޖެ. އޭނަ ސިއާރާ ޑްރޮޕްކޮށްދޭނެދޯ...."

"އުއްމީދުކުރަނީ އެގޮތަށް..."

"އެރިކް ވަޓް ހެޕެންޑް؟ އަހަރެން ގާތު ނުބުނާ އެއްޗެއް އޮތީތަ؟ ސިއްރެއް؟" އަސްލަން ކުޑަކޮށް ބުމަ ކައިރިކޮށްލިއެވެ."ރޮއިފަ ތިއައީ؟ ލޯ ތިހާ ރަތީ ކީއްވެ؟"

"ހާރިސް އިމާމްއަކަށް ހުރެ ނަމާދުކުރީ...އޭނަ ކިޔެވުން އަހާފައި ވަރަށް ގިނަމީހުން ރުއި. ވަރަށް ސޫދިން އަދި ޓަޗިން............."

"ހާރިސް ގާތު ބުނެބަލަ އަހަންނަށް ދީން ކިޔަވާދޭށޭ....." އަސްލަންގެ ހިތުގައި ހަގީގަތުގައިވެސް ދީނާއިމެދު ޝައުގު އުފެދުނެވެ. ނަމަވެސް ސިއާރާއަށްޓަކައެވެ. ސިއާރާގެ ލޯބި ހާސިލުކުރަން އޭނަ މިހިރީ ސިއާރާއަށްޓަކާ ޖަހަންނަމަށްވެސް ފުންމައިލަން ތައްޔާރަށެވެ. އެވަގުތުވެސް އަސްލަންގެ ހިތުގައި ޝައިތާނީ ވަސްވާސްތައް ހިނގައިގަތެވެ. ކުފުރު އެއްޗެހި ހިތަށް އެރިއެވެ.

އެރިކް އަސްލަންއާއެކު ކޮފީ ބޯން އިނދެ ވަގުތުތައް ވޭތުވަމުން ދިޔައިރު ކިރިޔާ އަޑެއް އިވިލިޔަސް އަސްލަން ދޮރު ހުޅުވާފައި ބޭރަށް ބަލައިލައެވެ. އެންމެފަހުން އެރިކްއާއި ސުވާލުކުރަންފެށިއެވެ. އެހެން އޮވެވެސް އެތައް ފަހަރު ސިއާރާއަށް ގުޅާ މެސެޖްވެސް ކޮށްފިއެވެ.

"ހާރިސް ގާތު އެގޭގައި މިރޭ ހުރެދާނެ. އޭނަގެ ކަންތަކާ އަޅާނުލާ. ހާރިސް ދެރަގޮތެއް ނަހަދާނެ. ދީން ދަސްކުރަން ސިއާރާ ބޭނުންވެއެއްނު...."

އަސްލަންއަށް ލޯ މަރައިލެވުނެވެ.

ސިއާރާ ދެކޭހިތުން އޭނަގެ ލޯ ބޭގަރާރުވަނީއެވެ.

***

ޚައިރާ ފޯނުގައި އޭނަ ރިކޯޑްކޮށްފައިވާ ހާރިސްގެ ގުރުއާން ތަކުރާރުކޮށް އަޑުއަހަން އޮށޯވެލައިގެން އޮތްއިރު ކުޑަދޮރުން ސްނޯ ކޮންމެވެސް ވަރަކަށް ވެހެމުންދާތަން ފެނުނެވެ. ރަޖާގަނޑު ގައިމަތިން ކެހިފައި އޮތުމުން ކުޑަކޮށް ފިނިވި ނަމަވެސް އޭނައަށް އޮވެވުނީ އެ ރީތި އަޑަށް ގެއްލިފައެވެ. އަސްލަން ފެނުމާއެކު ސިހިފައި އަވަހަށް އޭނަ އަޑުމަޑުކޮށްލިއެވެ. އަސްލަންވެސް ހައިރާންވީ ގުރުއާނުގެ އަޑު އިވުމުން އޭނަގެ ނުތަނަވަސްވެފައިވާ ހިތަށްވެސް އަމާންކަމެއް އިހުސާސްވާތީއެވެ. އިތުރަށް އަހައިލަން ބޭނުންވިފަދަ އަޑެކެވެ. ހާރިސްއާއިމެދު ހިތުގައި އުފެދިގަތް ހަސަދައިގެ އޮއިވަރު ވަރުގަދަވިއެވެ.

"މޯނިިން..އެކަމަކު ހާދަ ހެނދުނާ..."

"ނޭގޭ ސްވީޓްހާޓް. ރޭގައި ނުނިދުނު. އެކަމަކު ކީއްވެ ތި މީހެއްގެ އަޑު އަހަނީ؟އޭނައަކީ ރަގަޅުމީހެއްނޫން . އޭނަ އައިގޮތަށް ސިއާރާއަށް ނުފޫޒު ފޯރުވާ ސިކުނޑި ދޮންނަން ފަށައިފި. ސިއާރާ އިއްޔެ ހަވީރު ދިޔަގޮތަށް އޭނަގެ ގާތުގައިވީ...."އަސްލަން ޚައިރާގެ މަގަތުގައި އިށީނެވެ. ހޭވިފައިވާ އިސްތަށިގަނޑާއި ނިދީގެ ސަބަބުން ކަންނެތްވެފައިވާ ދެލޮލެވެ. އެހާ ތާޒާކަމެއްނެތެވެ. އަބަދު ރީތިވެލައިގެން ހުންނަން އާދަވެފައިވިޔަސް މިއަދު އަސްލަން ފެންވެރިހެނެއްވެސް ހިޔެއްނުވެއެވެ.

"ވަޓް؟" ޚައިރާގެ ހިތް ލުއްސަައިގެން އައިހެން ހީވިއެވެ. ތެދުވެ އެނދުގައި އިށީދެވުނެވެ.

"ގެއަށް ދާން ބޭނުން. މިތަނުގައި އޮތީމަ އިތުރަށް މޮޔަވާނީ. އައި ޕްރޮމިސް، ބަސްއަހައިގެން އުޅޭނަން.."

އަސްލަން ގެ ހިތުގައި ނުބައި ހީތަކެއް ހިނގައިގެންފިއެވެ. އެނުލަފާ ކަލޭގެ ޚައިރާގެ ހިތްވެސް ދަމައިގަތީހެއްޔެވެ؟ އަންހެން ކުދިން ހައްލައިލަން މޮޅު މީހެއްކަމުގައި މިހާރު އޭނައަށްވެސް ގަބޫލުކުރެވިއްޖެއެވެ.

"މާދަން ސްވީޓްހާޓް....މާދަން. ބައްޕަގެ އެޑްވައިސް ނެތި އެފަދަ ކަމެއް ކުރާކަށް ނުކެރޭނެ. ބައްޕައަށް ކޮންވިންސްކުރުވާނަން އައި ޕްރޮމިސް...."

***

މަސްޖިދު ބައިތުލް އަހަދު ކައިރީގައި ކާރު ޕާކްކޮށްލައިގެން އިނދެ އަސްލަން ގަޑިއަށް ބަލައިލިއެވެ. ހާރިސް އާއްމުކޮށް ނަމާދަށް ދަނީ މި މިސްކިތަށް ކަމަށް ވަންޏާ ގަޑިއަށް މިތަނަށް އަންނާނެކަން އޭނައަށް ޔަގީންކުރެވުނެވެ. ނަމާދުކޮށް ނިމިގެން މީހުން ބައިބަޔަށް ނިކުންނާން ފެށިއެވެ. ހާރިސް ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުން ނިކުމެގެން އަންނަތަން ފެނި އަސްލަން ކޯޓުގެ ޖީބުގައި އަތް ޖައްސައިލިއެވެ.

އޭނަގެ ސުވާލަށް ޖަވާބު ނުދީފިއްޔާ އޭނަ މިހިރީ ބަޑީގެ ބިރު ދައްކައިގެންވެސް ހާރިސްގެ އެ ބޮޑާކަން ފިލުވައިލުމަށް އަޒުމް ކަނޑަ އަޅައިގެންނެވެ.

"ޓެރަރިސްޓް......" އަސްލަން ދަތްކުނޑިވިކައިގަތެވެ.

ނުނިމޭ