08 May 2022, 17:35
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ޤަރާރެއް ނެރެފައިވަނިކޮށް އަނެއްކާވެސް މަގުމައްޗަށް އިންޑިއާ އައުޓް ޖަހާފައިހުރި ކަރުދާސްތަކެއް އަޅައިފިއެވެ.
މިއަދު ހަވީރު މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަށްޗަށް ވަނީ އިންޑިއާ އައުޓް ޖަހާފައިހުރި ގިނަ އަދަދެއްގެ ކަރުދާސްތަކެއް އަޅާފައެވެ.
މީގެ ކުރިން ވެސް އިންޑިއާ އައުޓް ޖަހާފައިހުރި ކަރުދާސްތަކެއް މަގުމައްޗަށް އަޅާފައިވެއެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު އެ ކަރުދާސްތައް އަޅައިފައިވަނީ އިންޑިއާ އެމްބަސީ ކުރިމައްޗަށާއި، ރައީސް އޮފީހުގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށެވެ.

މަޖީދީމަގަށް އިންޑިއާ އައުޓް ކަރުދާސް އަޅާފައި--- ސަން ފޮޓޯ/ އަހުމަދު އިޒްމީމް
އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމައި އެ ކެމްޕޭން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޤަރާރެއް ނެރުއްވައިފައެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ އެ ޤަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށޫއަރާ ޤަރާރެއްކަމަށް ބުނެ އެ ޤަރާރަކީ ބާތިލު ޤަރާރެއްކަަމަށް ނިންމައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ޕީޕީއެމްއިން ބުނަނީ ރައީސް ނެރޭ ޤަރާރަކުން އެ ކެމްޕޭން ދެން ނުހުއްޓުވޭނެކަމަށެވެ. އެ ޤަރާރާއެކު ވެސް އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ފުލުހުން ގެންދަނީ "އިންޑިއާ އައުޓް" ލިޔެ ހަރުކޮށްފައި ހުންނަ ބެނާތައް ވެސް ނަގަމުންނެވެ.