ވަގަށް ނަގާފައިވާ ސައިކަލެއްގައި ގޮސް ރޭ ފަތިހު ފިހާރަ އެއް ފަޅާލައި ފައިސާ އާއި ބައެއް ތަކެތި ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެދެ މީހުން ހައްޔަރުކޮށްފައި ވަނީ ވައްކަން ކުރުމަށްފަހު ފުލުހުންނަށް ފިލަން ދުވަނިކޮށެވެ.

ފުލުހުން ބުނީ ހ. ޓޫ ބާޑްމިނިމާޓް ފަޅާޅީ ރޭ ފަތިހު 4:30 ހާއިރު ކަމަށެވެ. އަދި އެ ފިހާރައިން ފައިސާ އާ ބައެއް ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ވަގަށް ގެންދިޔަ ފައިސާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޓޫ ބާޑްމިނިމާޓް ފިހާރަ ފަޅާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ކުނަހަންދޫ ޗާންދަނީގޭ، ޝަހީމް އަބުދުލް ގާދިރު 21، އާއި ހަމައެރަށު އިރުމަތީގެ ސައުދުﷲ 19، އެވެ. އެ ދެ މީހުން ދުއްވި ސައިކަލާއި ދެ މީހުންގެ ހަށިގަނޑު ބަލާ ފާސްކުރި އިރު އަތުކުރި 11 ގަޑި އާއި އަތުގައި އަޅާ ހަތަރު ތަނޑީގެ އިތުރުން ހަ ފޮށި ސިނގިރޭޓާއި ފައިސާ ފުލުހުން ވަނީ އަތުލާފަ އެވެ.