08 May 2022, 13:54
ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށް ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މިފަދަ ތަނެއް ގާއިމްކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށެވެ.
މި ބާބަކިއު ސަރަހައްދުގައި ބާބަކިއު ގްރިލް، ގޮނޑި އަދި މޭޒާއި ބެންޗް ވަނީ ބަހައްޓާފައެވެ.

ކާށިދޫގައި ގާއިމްކުރެވުނު ބާބަކިޔު ސަރަހައްދު--ފޮޓޯ/ބީއެމްއެލް
އެ މަސައްކަތުގެ ޕްރޮޕޯޒަލް ކާމިޔާބުކޮށް، މަސައްކަތާ ހަވާލުވި މުޙައްމަދު ވިސާހު ބުނީ އޭނާގެ އުއްމީދަކީ އެތަނަކީ ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށެވެ.
"މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމަށް އެހީތެރިވެދެއްވި ކާށިދޫ ކްލަބް ފްލަޔާރްސްއާއި އެހެނިހެން ފަރާތްތަކަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ވިސާހު ބުންޏެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާ ޖަމާއަތްތަކަށް ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފަންޑެކެވެ.
މިހާތަނަށް މި ކޮމިއުނިޓީ ފަންޑުގެ ދަށުން ބީއެމްއެލް އިންވަނީ 65 ޕްރޮޖެކްޓް ހިންގުމަަށް ފައިސާގެ އެހީ ފޯރުކޮށްދީފައެވެ.