ނ. މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހަކަށް ދަޢުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ނ. މިލަދޫ، ފަތުމާގެ ޢަބްދުﷲ ޝުހާދު އަޙްމަދުގެ މައްޗަށް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫ މާގަސްދޮށުގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި، އެ ރަށު ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާންރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ޝުހާދުގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.

މި މައްސަލައިގައި ދަޢުވާ އުފުލުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ކުށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައާ ގުޅިގެން ފުރަތަމަ ތިން މީހަކު ހައްޔަރު ކުރުމަށް ފަހު ދެ މީހަކު ވަނީ ދޫކޮށްލާފައެވެ.

ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލީ ޑްރަގް ވިއްކަން އުޅުނު މީހަކު ހުއްޓުވަން އޭނާ މަސައްކަތް ކުރުމުން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ސައިކަލްގައި ރޯކޮށްލުމުގެ ކުރިން އެ ފުލުސް މީހާއަށް އެންމެ ފުރަތަމަ ދިނީ ބިރުދެއްކުމުގެ ގޮތުން އިންޒާރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޯކޮށްލި ސައިކަލް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާ އަޅިޔަށް ވެފައެވެ.

ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފައެވެ.

އެ ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ގެއެއްގެ ތެރޭގައި ޕާކު ކޮށްފައި ހުރި ސައިކަލެކެވެ. އެއަށްފަހު މޫނު ނިވާ ކޮށްގެންހުރި މީހަކު ބޭރުން އައިސް އެގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު އެތަނުގައި ހުރި ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅާ މަންޒަރު ފެނެއެވެ.

އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލައެވެ.