ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަތުން މޮޅުނުވެވި ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލުން ފިޔަވަޅެއް ފަހަތަށް ޖެހިލައިފިއެވެ.

ރޭ ޓޮޓަންހަމް އަތުން ލިބުނު ޕޮއިންޓާއެކު ލިވަޕޫލް ވަނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ތާވަލްގެ އެއްވަނައަށް އަރާފައެވެ.

މިވަގުތު ލީގު ތާވަލް އެތުރިފައިވާ ގޮތުންނަމަ ލިވަޕޫލް އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އަށްޑިހަ ތިން ޕޮއިންޓާއެކު ލިވަޕޫލް އެއްވަނައިގައި އޮތްއިރު ސިޓީއަށް ވެސް ލިބިފައިވަނީ 83 ޕޮއިންޓެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ ފައިދާ އެއް ގޯލުގެ ތަފާތުންނެވެ.

މިރޭ ސިޓީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވެގެން އެ ޓީމަށް ތާވަލްގެ އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ލިބޭނެއެވެ.

ރޭގެ މެޗުގައި މޮޅު ކުޅެމެއް ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފެނިގެން ގޮސްފައެވެ. ދެ ޓީމުގެ ފަރާތުން ނުރައްކާ ގިނަ ހަމަލާތަކެއް ވެސް ރޭގެ މެޗުން ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ވަނީ ލީޑު ނަގާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ޓޮޓެންހަމްގެ ހޮޖެބާޖް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ސޮން ހުއެންގް މިންއެވެ. އެ ގޯލު ސޮން ކާމިޔާބު ކޮށްދިނީ ރަޔާން ސެސެގަންގެ އެހީތެރިކަމާއެކުގައެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ތިއާގޯ އަލަކަންޓާރާގެ އެހީތެރިކަމާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ލުއިސް ޑިއާސްއެވެ.

އެ ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ތާވަލްގެ ފަސްވަނައިގައި 62 ޕޮއިންޓާއެކުގައެވެ.