07 May 2022, 22:41
މާލެއާއި ހުޅުމާލޭގައި އީދު ދުވަހުން ފެށިގެން ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ތޫނު ހަތިޔާރާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީތަކާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި ތޫނު ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެ އެޕާޓުމެންޓް ބަލާ ފާސްކުރުމުން ފެނިފައިވަނީ އެކި ވަރުގެ ހަ ވަޅިއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިން ކޮޅާއި ފިލްމު ހުސްކުރި ދެ ދަޅު ކަމަށް ފުލުހުން ބުންޏެވެ.
އެތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 24 އަހަރާއި 25 އަހަރުގެ އިތުރުން 26 އަހަރުގެ ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ބަންދާ މެދު ގޮތެއް ނިންމުމަށް އެ މީހުން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް އެމީހުންގެ ބަންދަށް ޖަހާދީފައިވާކަމަށެވެ.
އީދު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކުގެ ސަބަބުން ފުލުހުން ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
އެ އޮޕަރޭޝަންގެ ދަށުން މާލެ ހުޅުމާލޭގައި ޗެކްޕޯސްޓުތައް ބަހައްޓައިގެން އުޅަނދުތައް ބަލާ ފާސްކޮށް ކޯޓު އަމުރާއެކު ގިނަ ގޭގެއާއި އެޕާޓްމެންޓުތައް ދަނީ ބަލައި ފާސްކުރަމުންނެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މާރާމާރީތަކާ ގުޅުހުންރި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަތް މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.