07 May 2022, 21:32
ސައުދި އަރަބިއްޔާއިން މިއަހަރުގެ ރަމަޟާންމަހަށް ރާއްޖެއަށް ހަދިޔާކުރި ކަދުރު އިއްޔެ ރާއްޖެ ގެނެސްފިއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. ނަމަވެސް މިއަހަރު ރަމަޟާން މަހަށް ހަދިޔާކުރި ކަދުރު ރާއްޖެއަށް ލިބިފައިމިވަނީ ރަމަޟާން މަސް ނިމުނު ފަހުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު "ސަން"އަށް ވިދާޅުވީ ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ޝިޕްމަންޓް އިއްޔެ ރާއްޖެ ގެނެވުނު ނަމަވެސް ކަދުރު ބަހަން ފެށޭނީ ސައުދީގެ ވަފުދެއް ރާއްޖެ އައުމުންކަމަށެވެ.
އޭނާ ވިދާޅުވީ ކަދުރު ޝިޕްމަންޓް އަދި ރަސްމީކޮށް ސައުދީން ރާއްޖެއަށް ހަވާލުނުކުރާ ކަމަށެވެ. އަންނަ ހަފުތާގައި ރާއްޖެ އަންނަ ސައުދީގެ ވަފުދަކީ ކަދުރު ޝިޕްމަންޓް ރާއްޖެ ހަވާލުކުރުމަށް އަންނަ ވަފުދެއްކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވިއެވެ.
"ކަދުރުތައް މިހާރު ވާނީ މާލެ ގެނެވިފައި. އަދި އެ ބެހުމުގެ މަސައްކަތް ފެށިގެންދާނީ އަންނަ ހަފުތާގައި ކަދުރުތައް ހަވާލުކުރުމަށް އަންނަ ސައުދީގެ ވަފުދު އައުމުން،" ޑރ. ޒާހިރު ވިދާޅުވިއެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނީ ސައުދި އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު ލިބޭނީ ރޯދަމަހުގެ ފަހުދިހައިގައި ކަމަށެވެ.
އޭރު "ސަން" އާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢީލް އަފްރާހު ވިދާޅުވީ ކަދުރުލިބުން މިއަހަރު ލަސްވާ ސަބަބެއް ނޭނގޭ ކަމަށެވެ.
އާންމުކޮށް ސައުދީން ރާއްޖެއަށް ހަދިޔާކުރަނީ 50ޓަނުގެ ކަދުރެވެ. މިއަހަރު ވެސް ސައުދީން ރާއްޖެއަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ. ނަމަވެސް މިދިޔަ އަހަރު ހަދިޔާކުރީ 25 ޓަނުގެ ކަދުރެވެ.