މީގެ ހަފުތާއެއް ކުރިން ޗައިނާގެ ޗަންގްޝާ ސިޓީގައި ހުންނަ އިމާރާތެއް ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 53އަށް އަރައިފިއެވެ.

ޗަންގްޝާ ސިޓީގައި މީހުން ދިރިއުޅުމަށް އަދި ވިޔަފާރިތަކަށް ވެސް ބޭނުން ކުރަމުން ދިޔަ އެ އިމާރާތް ކުއްލިއަކަށް ވެއްޓުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އިއްޔެ ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުން، މި ހާދިސާއިން ސަލާމަތްވީ 10 މީހުުންނެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ނިމެން ގާތްވެފައެވެ.

ހަ ބުރިއަށް ނަގާފައިވާ އެ އިމާރާތުގެ މަސައްކަތް ކުރުމުގައި ގަވާއިދާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުގައި ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޗައިނާގެ އޮފިޝަލުން ވިދާޅުވިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި އިމާރާތުގެ ވެރިފަރާތާއި، ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ހިންގުމާ ހަވާލުވެ ތިބި ތިން މީހަކު ހިމެނެއެވެ. އަދި އިމާރާތުގެ ހަތަރުވަނަ ފަންގިފިލާ އަދި ހަވަނަ ފަންގިފިލާގައި ހަދާފައިވާ ގެސްޓް ހައުސް އަކަށް ގަވާއިދާ ހިލާފަށް ސޭފްޓީ އެސެސްމަންޓެއް ދިން ކަމުގެ ތުހުމަތުގައި ވެސް ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެ އިމާރާތުގައި ކެފޭއެއްގެ އިތުރުން ރެސްޓޯރެންޓެއް ވެސް ހުރެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ޗައިނާގައި އިމާރާތްތައް ވެއްޓުމުގެ މައްސަލަތައް އިތުރުވެފައި ވާތީ އެ މައްސަލަތައް ދިމާވާ ސަބަބު ހޯދުމަށް ރައީސް ޝީ ޖިންޕިން ވަނީ އަންގަވާފައެވެ.